މެރީޑިއަމް ސާވިސް ޕްރައިވެޓް ލިމިޓެޑުން، އެސްޓީއޯއިން ގަނެފައިވާ ތެލަށް ދައްކަންޖެހޭ ފައިސާގެ ގޮތުގައި 19 މިލިއަން ރުފިޔާ ދައްކަން ހައިކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ކޯޓުން މެރީޑިއަމްގެ މައްޗަށް މި ހުކުމް އައީ އެސްޓީއޯއިން 2016 ވަނަ އަހަރު ދައުވާ ކޮށްގައި ގަތް ތެލަށްވާ ފައިސާ ނުދައްކައިގެން ފައިސާ ހޯދަން ކުރި ދައުވާއެއްގެ އިސްތިއުނާފު ޝަރިއަތަށްފަހު އެވެ.
ކުރީން ސިވިލް ކޯޓްގައި މި މައްސަލަ ނިމުނީ މެރީޑިއަމް ކޮޅަށެވެ. ނަމަވެސް އެސްޓީއޯއިން މައްސަލަ އިސްތިއުނާފު ކޯޓަށް ގެންދިއުމުން ކުރި ހުކުމުގައި ފަނޑިޔާރު މުހައްމަދު ފައިސަލާ އާއި ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދު ވިދާޅުވެފައި ވަނީ އޮގަސްޓް 23، 2010 އިން ފެށިގެން އޮކްޓޫބަރު 28، 2010 އެއްގެ ނިޔަލަށް މެރީޑިއަމަށް ކްރެޑިޓަށް ދޫކޮށްފައިވާ ކަމަށް އޮންނަ ތެލަކީ މެރީޑިއަމަށް ކްރެޑިޓަށް ދޫކޮށްފައިވާ ތެޔޮ ކަމަށް ޝަރީއަތަށް ހުށަހެޅި ހެކިންގެ ބަހުން ސާބިތުވާތީ އަގަށްވާ 19 މިލިއަން ރުފިޔާ މެރީޑިއަމުން އެސްޓީއޯއަށް ދެއްކުމަށެވެ.
އަދި މިފައިސާ މެރީޑިއަމް އިން ނުދައްކައިފިނަމަ ފައިސާ ހޯދުމަށްޓަކައި މި ދެފަރާތު ދެމެދު 31 މާރޗް 2010 ގައި ވެވުނު އެއްބަސްވުމުގެ ދަށުން މެރީޑިއަމް އިން މޯގޭޖްގެ ގޮތުގައި ބާއްވާފައިވާ އަތަމާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބަނޑު (ކަލަމިދި) އަދި ބަނޑު (ރިޔާ 11) ކޯޓު މެދުވެރިކޮށް ނީލަމުގައި ވިއްކާލުމަށްފަހު، އެފައިސާ ހޯދުމުގެ އިހްތިޔާރު އެސްޓީއޯ އަށް ލިބިފައިވާ ކަމަށް ވެސް ހައިކޯޓުން މިއަދު އިއްވި ޙުކުމުގައި ވިދާޅުވެފައިވެއެވެ.