މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ޔުވެންޓަސް އަށް ގެނައުމަށް އެ ޓީމުގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފެހި ސިގްނަލް ދީފިއެވެ.

އިންޓަ މިލާނުން ވެސް ފާރަލަމުންއައި ލުކާކޫ ހޯދުމުގައި ޔުވެންޓަސް އިން ކުރިހޯދާފައިވަނީ، ބަދަލުގައި 15 މިލިއަން ޑޮލަރުގެ އިތުރުން އެ ޓީމުގެ ޕައޮލޯ ޑިބާލާ އާއި މާރިއޯ މަންޒުކިޗް ޔުނައިޓެޑަށް ދިނުމަށް އެއްބަސްވެގެންކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ނަމަވެސް، މިހާތަނަށް އައިއިރު މި ޓްރާންސްފާގެ ކަންތައް މަޑުޖެހިފައިވަނީ ޔުވެންޓަސް އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ޑިބާލާގެ ރުހުން ލިބިފައިނުވާތީވެއެވެ. އެކަމަކު، އެ ޓީމުގެ ކޯޗު މައުރީޒިއޯ ސާރީއާ ވަރަށް އަވަހަށް ޑިބާލާ ބައްދަލުކުރުމަށްފަހު އޭނާގެ މުސްތަގުބަލާމެދު ގޮތެއް ނިންމާނެކަމަށް ބެލެވެއެވެ.

ދާދިފަހުން، ޓޮޓެންހަމް ހޮޓްސްޕާ އިން ޑިބާލާ ގެންދިއުމަށް ޝައުގުވެރިކަން ފާޅުކުރުމުން އޭރު އޭނާ ބުނީ ކްލަބު ބަދަލުކުރަން އަދި ބޭނުންނުވާކަމަށެވެ. އެކަމަކު، ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޔުވެންޓަސްގެ ޓީމުގެ ބައެއް ކުޅުންތެރިންގެ މެދުގައި މިހާރު ހިތްހަމަނުޖެހުންތަކެއް ހުރުމުން ޑިބާލާ ވެސް އެ ޓީމު ދޫކޮށް ޔުނައިޓެޑަށް ބަދަލުވުމަކީ ވަރަށް ގާތް ކަމެކެވެ.

މީގެ ދެ އަހަރު ކުރީން، 93 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އަކަށް ޔުނައިޓެޑަށް ބަދަލުވެ ލުކާކޫ އަށް އޭގެ ކުރީން ކުޅުނު އެވަޓަން އަދި ވެސްޓް ބްރޮމްވިޗް އެލްބިއަންގައި ދެއްކި މޮޅު ކުޅުމާ ގާތަށްވެސް ކުޅެވިފައިނުވާއިރު، މިދިޔަ ސީޒަނުގައި ލީގުގައި ޔުނައިޓެޑްގެ ފުރަތަމަ އެގާރައިގައި ކުޅުމުގެ ފުރުޞަތު ލިބުނީ 22 މެޗުގައެވެ.

މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި، ޔުވެންޓަސް އިން ސްކޮޑު ވަރުގަދަކުރުމުގެ ގޮތުން ނެދަލޭންޑްސްގެ އުއްމީދީ ޑިފެންޑަރު މަތައިސް ޑި ލިޓް އާއި ކުރީގެ ގޯލްކީޕަރު ބުފޮން އާއި އާރޮން ރަމްސޭ އަދި އެޑްރިއެން ރަބިއޯގެ އިތުރުން ކްރިސްޓިއަން ރޮމޭރޯ އާއި ލޫކާ ޕެލެގްރިނީ އަދި މެރިހް ޑެމިރާލް ގެނެސްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.