"އަނދުން ހުސެއިން ފައުންޑޭޝަން" ގެ ފަރާތުން ދިން މަތީ ތައުލީމުގެ ސްކޮލަރޝިޕަށް ހޮވުނު ފަސް ދަރިވަރުން މިއަދު ރާއްޖެއިން ބޭރަށް ފުރުމަށް ހަމަޖެހިއްޖެއެވެ.
އެ ސްކޮލަރޝިޕަކީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އިއްޒަތްތެރި މެމްބަރު ހުސައިން ޝަހީމްގެ ފަރާތުން އެދައިރާގެ ދަރިވަރުންގެ ތެރެއިން އަމިއްލަ ޙަރަދުގައި ރާއްޖޭން ބޭރުން މަތީ ތަޢުލީމް ޙާސިލް ކުރެވޭނެ މާލީ ތަނަވަސްކަން ކުޑަ ދަރިވަރުންނަށް އިންޑިއާގެ ބެންގަލޫރު ގާރޑަން ސިޓީ ޔުނިވަރސިޓީއިން ހޯދައިދެއްވި ފަސް ސްކޮލަރޝިޕެވެ.
މި ސްކޮލަޝިޕަކީ ދާއިރާގެ ޒުވާނުން ބިނާކޮށް މަތީ ތައުލީމް ޙާސިލްކުރަން ބޭނުންވާ ދަރިވަރުންގެ ތެރެއިން ކޮންމެ އަހަރަކު 5 ދަރިވަރަކަށް ދެއްވަން ހަމަޖެހިފައިވާ ފުރުސަތެކެވެ.
ސްކޮލަޝިޕުގެ މަޤުސަދަކީ، ދާއިރާގެ ރައްޔިތުންގެ ތެރެއިން މަލީ ތައުލީމަށް ދާން ބޭނުންވެ، އެ ފުރުސަތު ނުލިބި ތިބި ކުދިންނާއި، އާއިލާތަކަށް އެ ފުރުސަތު ފަހިކޮށްދީ ދާއިރާގެ ޒުވާނުންނަކީ އިލްމީ ޤާބިލް އަދި ވަތަނަށް ހިދުމަތް ކުރުމުގެ ރޫހު ހުރި ކުދިން ކަމުގައި ހެދުމެވެ.
މިއީ މިހާތަނަށް ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް މެންބަރަކު ފުރަތަމަ ފަހަރަށް ދާއިރާގެ ޒުވާނުން ބިނާކޮށް މަތީ ތައުލީމް ޙާސިލް ކުރުމުގެ ފުރުސަތު ހޯދައިދެއްވުމަށް ފެށްޓެވި މަސައްކަތެކެވެ.