ފީފާ އިން ހޮވާ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށްދޭ ބެސްޓް އެވޯޑަށް ވާދަކުރާ 10 ކުޅުންތެރިންގެ ނޮމިނޭޝަނުގެ ތެރޭގައި މެންޗެސްޓާ ސިޓީގެ އެއްވެސް ކުޅުންތެރިއަކު ނުހިމެނެއެވެ.

ފީފާ އިން އިއްޔެ އާންމުކުރި 10 ކުޅުންތެރިންގެ ލިސްޓްގައި ހިމެނެނީ މި އެވޯޑް ދެ ފަހަރު ހޯދާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާގެ ލިއޮނަލް މެސީ އަދި ޕީއެސްޖީ އަށް ކުޅެމުން އަންނަ ކިލިއަން އެމްބާޕޭގެ އިތުރުން ލިވަޕޫލަށް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ވާޖިލް ވެން ޑައިކް އާއި މުހައްމަދު ސަލާހު އަދި ސަޑިއޯ މާނޭ އެވެ.

މި ލިސްޓުގައި ހިމެނޭ އިތުރު ކުޅުންތެރިންނަށް ބަލާއިރު، ނިމިދިޔަ ސީޒަނުގައި އަޔެކްސް އެމްސްޓެޑަމްގައި މޮޅު ކުޅުމެއް ދައްކައި، ޔުއެފާ އިން އަލަށް ތައާރަފްކުރި ނޭޝަންސް ލީގުގެ ފައިނަލަށް ނެދަލޭންޑްސް ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ފްރެންކީ ޑި ޔޮން އާއި މަތައިސް ޑި ލިޓް އަދި ދާދިފަހުން ޗެލްސީ އިން ރެއާލް މެޑްރިޑަށް ބަދަލުވި އެޑެން ހަޒާޑްގެ އިތުރުން އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ހިމެނެއެވެ.

ފީފާ ދަ ބެސްޓްގެ ނޮމިނޭޝަން އިއްލާންކުރިއިރު، އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދީ ސިޓީގެ އެއްވެސް ކުޅުންތެރިއަކު މި ލިސްޓުގައި ހިމެނިފައިނުވުމުންނެވެ. އެ ޓީމުން ޑޮމެސްޓިކް ޓްރެބަލް ކާމިޔާބުކުރިއިރު، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ވަނީ ދަތުރުކޮށްފައެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ސިޓީގެ ކުޅުންތެރިންގެ ތެރެއިން ޕޯޗުގަލްގެ ބެނާޑޯ ސިލްވާ އަކީ މި ލިސްޓްގައި ހިމެނޭން ޖެހޭ ފަދަ ކުޅުމެއް ފާއިތުވެދިޔަ ސީޒަނުގައި ދައްކާފައިވާ ކުޅުންތެރިއެކެވެ. ސިޓީން ހޯދީ ކާމިޔާބީތަކުގައި މުހިއްމު ދައުރެއް އަދާކުރުމުގެ އިތުރުން ޕޯޗުގަލް ގައުމީ ޓީމާއެކު ނޭޝަންސް ލީގު ހޯދާފައިވުމަކީ އޭގެ ހެއްކެވެ. މީގެއިތުރުން، މި ފަހަރުގެ ލިސްޓުގައި ނުހިމެނޭ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި، ބްރެޒިލް އަދި ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ ހިމެނެއެވެ.

ފީފާ އިން ވަނީ އެންމެ މޮޅު އަންހެން ކުޅުންތެރިންގެ ނޮމިނޭޝަންސް ވެސް އިއްޔެ އިއުލާންކޮށްފައެވެ. މި އެވޯޑަށް ވާދަކުރާ 12 ކުޅުންތެރިންގެ ތެރެއިން 11 ކުޅުންތެރިންނަކީ އެންމެފަހުގެ ފީފާ ވިމެންސް ވޯލްޑްކަޕްގައި ފެނިގެންދިޔަ ކުޅުންތެރިންނެވެ. ފްރާންސްގައި ބޭއްވުނު އެ މުބާރާތުގައި ނުކުޅޭ ކުޅުންތެރިއަކުން މި އެވޯޑަށް ނޮމިނޭޓްވީ އޮލިމްޕިކް ލިޔޯންއާ އެކު ޔުއެފާ ވިމެންސް ޗެމްޕިއަންސް ލީގު އުފުލާލި އަޑާ ހެގަބާގް އެވެ.

މި ފަހަރުގެ ވިމެންސް ޕްލެޔާގެ ނޮމިނޭޝަނަށް ބަލާއިރު، އެމެރިކާގެ ހަތަރު ކުޅުންތެރިން ހިމެނޭއިރު ފްރާންސާއި އިންގްލެންޑުން ކުރެ ކޮންމެ ޓީމަކުން ދެ ކުޅުންތެރިން ހިމެނެއެވެ. މި ލިސްޓުގައި ހިމެނޭ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި، ފްރާންސް އަދި ލިޔޯންގެ އަމަންޑީން އޮންރީ އާއި ނެދަލޭންޑްސް އަދި އާސެނަލްގެ ވިވިއަން މީޑެމާ އާއި އިންގްލެންޑްގެ އެލެން ވައިޓްގެ އިތުރުން އެމެރިކާގެ އެލެކްސް މޯގަން އާއި މޭގަން ރެޕީނޯ އަދި އޮސްޓްރޭލިއާގެ ސޭމާ ކާ ހިމެނެއެވެ.

ދަ ބެސްޓް ފީފާ މެންސް ކޯޗުންގެ ގޮތުގައި ނޮމިނޭޓްވި ފަރާތްތަކަށް ބަލާއިރު، ފްރާންސްގެ ޑިޑިއޭ ޑެޝޯމްޕްސް އާއި ސިޓީގެ ޕެޕް ގާޑިއޯލާ އަދި ލިވަޕޫލްގެ ޔާގެން ކްލޮޕްގެ އިތުރުން ޕޯޗުގަލް އަށް ނޭޝަންސް ލީގު ކާމިޔާބުކޮށްދިން ފެނާންޑޯ ސަންޓޯސް ހިމެނެއެވެ. މީގެއިތުރުން، އަލްޖީރިއާ އަށް އެފްރިކާ ކަޕް އޮފް ނޭޝަންސް ކާމިޔާބުކޮށްދިން ޖަމީލް ބެލްމާޑީ އާއި އަޔެކްސްއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދި އެރިކް ޓެން ހާގް އަދި ބްރެޒިލް އަށް ކޮޕާ އެމެރިކާ ހޯދައިދިން ޓީޓޭ އާއި ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ހިމެނެއެވެ.

އެންމެ މޮޅު އަންހެން ޓީމުތަކުގެ ކޯޗުންގެ ނޮމިނޭޝަންސް އަށް ބަލާއިރު، އެމެރިކާ އަށް އެންމެފަހުގެ ފީފާ ވިމެންސް ވޯލްޑްކަޕް ކާމިޔާބުކޮށްދިން ޖިލް އެލިސް އާއި ލިޔޯންގެ ރޭނާޑް ޕެޑްރޯސްގެ އިތުރުން އިންގްލެންޑްގެ ފިލް ނެވިލް އަދި ނެދަލޭންޑްސްގެ ސަރީނާ ވިއެގްމަން ހިމެނެއެވެ.

ފީފާގެ ލެޖެންޑުންނާއި ތަޖުރިބާކާރުން ނޮމިނޭޓްކުރި ކުޅުންތެރިންނާއި ކޯޗުންގެ ތެރެއިން އެވޯޑް ލިބޭ ފަރާތްތައް ކަނޑައަޅާނީ ފީފާގެ މެމްބަރު ހުރިހާ ގައުމެއްގެ ގައުމީ ކޯޗުންނާއި ކެޕްޓަނުންނާއި ކުޅިވަރު ނޫސްވެރިން އަދި ސަޕޯޓަރުންގެ ވޯޓުންނެވެ. ކޮންމެ ގްރޫޕެއްގެ މާކްސް އިން 25 ޕަސެންޓް ނަގާނެ އެވެ.

މި އެވޯޑްތަކަށް ވޯޓުލުމަށް އިއްޔެ އިން ފެށިގެން މި އޯގަސްޓް މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފއިވާއިރު، މި ހަފުލާ އޮންނާނީ އަންނަ ސެޕްޓެންބަރު މަހުގެ 23 ވަނަ ދުވަހު އިޓަލީގެ މިލާން ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.