އެންމެފަހުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި އާޖެންޓީނާ އަށް އިރުޝާދުދިން ކޯޗު ލިއޮނަލް ސްކަލޯނީ ހަދާފައިވާ އެއްބަސްވުން އާކުރަން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަން (އޭއެފްއޭ) އިން ނިންމައިފިއެވެ.

އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނުން އިއްޔެ ނެރުނު ބަޔާނެއްގައިވާގޮތުން، އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ 2022 ވަނަ އަހަރުގެ ވޯލްޑްކަޕް ކޮލިފައިން މެޗުތަކުގެ ނިޔަލަށް ސްކަލޯނީ އެ މަގާމުގައި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

"ފުޓްބޯޅަ އެސޯސިއޭޝަނުގެ އެގްޒެގެޓިވް ކޮމިޓީން ވަނީ އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ 2022 ވަނަ އަހަރުގެ ވޯލްޑްކަޕް ކޮލިފައިން މެޗުތަކުގެ ނިޔަލަށް ސްކަލޯނީ ބެހެއްޓުމަށް ނިންމާފައި." އޭއެފްއޭ އިން ނެރުނު ބަޔާނުގައިވެއެވެ.

މީގެކުރީން، ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވުނު ވޯލްޑްކަޕްގައި އާޖެންޓީނާގެ ކޯޗަކަށް ހުރި ޖޯޖް ސަމްޕައޯލީއާއެކު ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހުމުން އޭނާ މަގާމުން ދުރުކުރިއިރު، އެ ޓީމުގެ ކޯޗިން ސްޓާފުންގެ ތެރޭގައި ހިމެނުނު ސްކަލޯނީ ވަނީ ކޯޗުކަމާ ހަވާލުވެފައެވެ.

އޭނާގެ އިރުޝާދުގެ ދަށުން އާޖެންޓީނާ ނިކުތް ފުރަތަމަ ބޮޑު މުބާރާތުގައި، އެންމެފަހުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ތިންވަނަ މަގާމު ލިބުނުއިރު، އެ ޓީމަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައިނުވާތީވެ ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

މީގެއިތުރުން، އެ މުބާރާތުގައި ޗިލީއާ ދެކޮޅަށް އާޖެންޓީނާ ކުޅުނު ތިންވަނަ ހޮވި މެޗުގައި ދެއްކި ރަތް ކާޑުގެ ސަބަބުން ކުރިއަށް އޮތް ވޯލްޑްކަޕް ކޮލިފައިންގެ ފުރަތަމަ މެޗަށް އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ސަސްޕެންޑްކޮށްފައިވާއިރު، ސެމީ ފައިނަލްގައި ބްރެޒިލް އަތުން ބަލިވި މެޗަށްފަހު ރެފްރީ އަށް ފާޑުކިޔުމުން އެ ޓީމުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ކްލައުޑިއޯ ޓަޕިއާ ވަނީ ފީފާގެ ކައުންސިލުންވެސް ވަކިކޮށްފައެވެ.

އާޖެންޓީނާ އަށް ކުރިއަށް ދެން އޮތީ އެމެރިކާގެ ލޮސް އެންޖެލެސްގައި އަންނަ ސެޕްޓެންބަރު މަހުގެ 5 ވަނަ ދުވަހު ޗިލީއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ އެކުވެރިކަމުގެ މެޗާއި، 10 ވަނަ ދުވަހު ސަން އެންޓޯނިއޯގައި މެކްސިކޯއާ ވާދަކުރާ މެޗެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.