އަސާސީ މުސާރައިން ޕެންޝަނަށް ހަތް އިންސައްތަ ކެނޑުމުގެ ބަދަލުގައި ޖުމްލަ މުސާރައިން ޕެންޝަން ފައިސާ ނަގަން ޖެހޭ ކަމުގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ އަސާސީ މުސާރައަކީ ކޮބާކަން ނޭނގި 7 އިންސައްތަ ޕެންޝަނަށް އަސާސީ މުސާރައިން ނެގުމަކީ ބޭއިންސާފެއް ކަމަށާއި، އެކަމުން ވަރަށް ގިނަ މުވައްޒަފުންގެ ހައްޤުތައް ގެއްލޭ ކަމަށެވެ. އަދި އަސާސީ މުސާރައިގެ ބަދަލުގައި ޖުމްލަ މުސާރައިން ޕެންޝަން ނަގާ ގޮތަށް ބަދަލު ކުރުމަށް ސައީދު ވަނީ ގޮވާލައްވާފައެވެ.

"އަސާސީ މުސާރައިން ޕެންޝަން ނެގުމުގެ ބަދަލުގައި މި މަޖިލީހުގެ މި އޮތީ އެމްޑީޕީގެ ވަރަށް ބޮޑު މެޖޯރިޓީއެއް، ތިބޭފުޅުންގެ އިހްލާސްތެރިކަމެއް ހުރިއްޔާ ރަނގަޅަށް މިކަން ކުރަންވީ ނޫންތޯއޭ. އިހްލާސްތެރިކަމެއް ހުރިއްޔާ ގްރޮސް މުސާރައިން ނުވަތަ ޖުމްލަ މުސާރައިން ޕެންޝަންއަށް ނަގަން ޖެހޭ ޕަސަންޓޭޖެއް ނަގަންވީ ނޫންތޯއޭ." ސައީދު ވިދާޅުވިއެވެ.

ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު ވިދާޅުވީ، ޕެންޝަން ފަންޑުގައި ގާތްގަނޑަކަށް 13 ބިލިއަން ރުފިޔާ އެބަހުރި ކަމަށެވެ.

"ގާތްގަނޑަކަށް 13 ބިލިއަން ރުފިޔާ އެބަހުރި ޕެންޝަން ފަންޑުގައި. މީގެ ތެރެއިން އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި 12 ބިލިއަން ރުފިޔާ އިންވެސްޓްކުރެވިފައި ހުރީ.ތިން ގޮތަކަށް ޕެންޝަން ފަންޑުގައި އިންވެސްޓް ކުރެވެމުން މިދަނީ. އޭގެ ތެރޭގައި، ޓީބިލް، ޓްރެޝަރީ ބޮންޑްސް އަދި ރެކުރޫޓް ބޮންޑްސްގެ ގޮތުގައި އިންވެސްޓް ކުރެވޭ ކަމަށް މައުލޫމާތު ލިބިފައިވޭ" ސައީދު ވިދާޅުވިއެވެ،

މީގެ އިތުރުން ޕެންޝަން ފަންޑު މެނޭޖުކުރުމަށް ޕެންޝަނާ ބެހޭ ޤާނޫނާއި، ޕެންޝަން އެޑްމިނިސްޓްރޭޝަން އުފެދުން ފަހުން ވަރަށް ބޮޑެތި ފަސޭހަތަކެއް ވެފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ހައްޖަށް ދިޔުމަށް ޕެންޝަން ފައިސާއިން ހަރަދުކުރާ އިންސައްތަ 50 އިންސަައްތައިން 80 އިންސައްތައަށް ބޮޑުކޮށް ފާސްކުރުމަކީ ތާއީދު ކުރައްވާ ކަމެއް ކަމެއް ކަމަށް ސައީދު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.