ބޯޓު ތަކަށް ދިވެހި މަސްކަނޑުގައި މަސްވެރިކަން ކުރުން މަނާކުރާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފިއެވެ.
ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ހުށަހެޅުއްވި ގަރާރު ތަޅުމަށް ބަލައިގަންނަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ އިއްތިފާގުންނެވެ.
އެ ގަރާރު މިހާރު ވަނީ، މަޖިލީހުގެ ތަޅުމުން ފާސްކުރުމަށްފަހު، އިތުރަށް ދިރާސާ ކުރަން އިގްތިސާދީ ކޮމިޓީއަށް ފޮނުވައިފައެވެ.
ޝަހީމްގެ އެ ގަރާރުގައި ވަނީ، ދިވެހިރާއްޖެއަކީ އަބަދުވެސް ތިމާވެއްޓާ ރައްޓެހި ގޮތަށް ހަމައެކަނި ދޮށީގެ މަސްވެރިކަން ކުރާ ބަޔަކަށް ވީ ނަމަވެސް ދެމެހެއްޓެނިވި އުސޫލުތަކާ ހިލާފަށް ބޮޑު ދާ ޖަހައިގެން އިންޑިއާ ކަނޑުގެ ސަރަހައްދުގައި ބައެއް އެހެން ގައުމުތަކުގެ އުޅަނދުތަކުން މަސްވެރިކަން ކުރަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މަޖިލީހުން ދެން ބަލައިގަތް ގަރާރުތަކުގެ ތެރޭގައި މާ ކަނޑުގައި ކަންނެލި ޖަގަހަތަކެއް ގާއިމު ކުރުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ހުށަހެޅުއްވި ގަރާރެވެ. އަދި، ބޭރުގެ ބޯޓުފަހަރު ރާއްޖެ އައިސް ދިވެހި މަސްވެރިންގެ އަތުން މަސް ގަތުމަށް ހުއްދަ ދިނުމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހްމަދު ހުށަހެޅުއްވި ގަރާރު ހިމެނެއެވެ.