ސްޕެއިނުގެ ނޫހެއްކަމަށްވާ މާސާ އިން ދޭ ކެރިއާ އެޗީވްމަންޓް އެވޯޑް ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބިއްޖެއެވެ.

ސްޕެއިނުގައި ރެއާލްއާ އެކު ރޮނާލްޑޯ ހޯދި ގިނަ ކާމިޔާބީތަކާ ގުޅިގެން އޭނާ އަށް މި އެވޯޑްދީފައިވަނީ ރޭ މެޑްރިޑްގައި ބޭއްވި ހަފްލާއެއްގައެވެ. މި އެވޯޑާއި ހަވާލުވުމަށްފަހު ރޮނާލްޑޯ ވަނީ ރެއާލް ދޫކޮށްލަންޖެހުމުން ވަރަށް ބޮޑަށް ދެރަވެ، ރޮވުނު ކަމަށް ބުނެފައެވެ.

ނިމިދިޔަ ސީޒަނަށް 117 މިލިއަން ޔޫރޯގެ އަގަކަށް ޔުވެންޓަސްއާ ގުޅި ރޮނާލްޑޯ ވަނީ އެ ޓީމާ އެކު އިޓާލިއަން ލީގު ކާމިޔާބުކޮށް ރެކޯޑެއް ގާއިމުކޮށްފައެވެ. އެއީ އިނގިރޭސި ޕްރިމިއާ ލީގާއި ސްޕެނިޝް ލަލީގާ އަދި އިޓާލިއަން ސެރިއާ ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފެވެ.

އުމުރުން އެންމެ 17 އަހަރުގައި ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަންގެ ސީނިއާ ޓީމުން ޖާގަ ހޯދައި، ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން ހޯދި ރޮނާލްޑޯގެ ކްލަބް ކެރިއަރުގައި މިހާތަނަށް 800 އަށް ވުރެ ގިނަ މެޗު ކުޅެ 600 އަށް ވުރެ ގިނަ ގޯލްޖަހާފައިވާއިރު، ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 157 މެޗުގައިވެސް 88 ގޯލް ޖަހާފައިވެއެވެ.

ރޮނާލްޑޯ ބުނީ ރެއާލް އަކީ އޭނާގެ ކެރިއަރުގައި އެންމެ ގިނަ ދުވަހު ކުޅުނު ކްލަބަށްވުމުން ހަޔާތާއި ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ސިޓީއެއް ކަމަށާއި، ޔުނައިޓެޑަށްވުރެ ބޮޑަށް ރެއާލްގެ މަތީން ހަނދާންވާކަމަށެވެ.

ރެއާލްގައި ކާމިޔާބު ނުވަ އަހަރު ހޭދަކުރުމަށްފަހު ދޫކޮށްލަން ވަރަށް އުނދަގޫވިކަމަށާއި، ނަމަވެސް އެއަށްފަހު ޖެހިގެންއައި ސީޒަނުގައި ޔުވެންޓަސް އަށް ބަދަލުވެ އިޓާލިއަން ސެރިއޭ އާއި ކޮޕާ އިޓާލިއާގެ އިތުރުން ޕޯޗުގަލްގެ ގައުމީ ޓީމާއެކު ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކުރެވުމުން ވަރަށް އުފާވިކަމަށެވެ.

"ޔުނައިޓެޑާއި، ރެއާލް މަތީން ވެސް ހަނދާންވޭ. އެކަމަކު، ބޮޑަށް ހަނދާންވަނީ ރެއާލްގައި ހޭދަކުރި ދުވަސްވަރުމަތީން." ރޮނާލްޑޯ ބުންޏެވެ.

"ކޮންމެ ޓްރޮފީ އަކީ ވެސް މުހިއްމު ތައްޓެއް، އެކަމަކު ގައުމީ ޓީމާއެކު 2016 ވަނަ އަހަރު ހޯދި ޔޫރަޕިއަން ޗެމްޕިއަންޝިޕަކީ މިހާތަނަށް ކެރިއަރުގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީ. ގައުމާއެކު ރީތި ނަމާއި ޝަރަފު ހޯދުމުން ކުރެވެނީ ބުނަން ނޭނގޭ ކަހަލަ އެހެން އިހްސާސްތަކެއް."

އުމުރުން 34 އަހަރުގެ ރޮނާލްޑޯ ވަނީ ޔުވެންޓަސްއާ އެކު ޗެމްޕިއަންސް ލީގު އުފުލާލުމަކީ އެންމެ ބޮޑު އަމާޒުކަމަށާއި، ހުރިހާ ޓީމަކުން ވެސް ހޯދުމަށް އެންމެ ބުރަ މަސައްކަތްކުރާ މުބާރާތް ކާމިޔާބުކުރުމަށް އުނދަގޫވާނެކަމަށް ބުނެފައެވެ. އޭނާ އިތުރަށް ބުނީ ޔުވެންޓަސްއާ އެކު އެ މުބާރާތް ކާމިޔާބުކުރެވޭނެ ކަމަށް އުއްމީދުކުރާކަމަށެވެ.

ރޮނާލްޑޯގެ ކުރީން، މި އެވޯޑް ހާސިލްކޮށްފައިވާ ބައެއް ފަރާތްތަކުގެ ތެރޭގައި، ބާސްކެޓް ބޯޅަ ލެޖެންޑް މައިކަލް ޖޯޑަން، ޕެލޭ، ލިއޮނަލް މެސީ އާއި ބޮކްސިން ލެޖެންޑް މުހައްމަދު އަލީގެ އިތުރުން މައިކަލް ޝޫމާކާ އާއި ޑިއޭގޯ މަރަޑޯނާ ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.