ސަރުކާރުގެ ހިންގުން އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަމުގައި ރާއްޖޭގެ ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިފަދައިން ވިދާޅުވީ، ތިލަފުށީގައި ބޭސްފިހާރައަކާއި، ކްލިނިކެއް ހުޅުވުމަށް އެރަށުގައި އިއްޔެ ބޭއްވުނު ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ނައިބު ރައީސް ވިދާޅުވީ، ސަރުކާރުގެ ހިންގުން މިހާރަށް ވުރެ ހަރުދަނާވާން ޖެހޭ ކަމަށާއި، އަދި އެއާއި އެކު ކުންފުނިތަކުގެ ހިންގުންވެސް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ ސަރުކާރުގެ ހިންގުން އަޅުގަނޑުމެން އިތުރަށް ރަނގަޅު ކުރަން ޖެހޭ ހެން. ކުންފުނިތަކުގެ ހިންގުން އިތުރަށް ރަނގަޅު ކުރަން ޖެހޭ ހެން. މީހުންގެ އަޑު އަޅުގަނޑުމެން އަހަން ޖެހޭ. މީހުންގެ ސިޓީތަކާއި މެސެޖުތަކަށް އަޅުގަނޑުމެން ޖަވާބު ދެވެން ޖެހޭ." ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
ނައިބު ރައީސް ފައިޞަލް ނަސީމް އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ޖީބުތައް ހަމަހަމަކަން މަތީ ފުރާލުން ކަމަށާއި، އެކަން ކުރުމަށް ސަރުކާރުން ދޭން ޖެހޭ އެއްބާރުލުން ފުރިހަމައަށް ދޭނެ ކަމަށެވެ.