މިއަހަރުތެރޭ ރާއްޖެއިން ދުނިޔޭގެ ދެ ރެކޯޑެއް ހެދުމަށް މަސައްކަތް ކުރާނެ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު، އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަލީ މިހެން ވިދާޅުވީ ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް އިފްތިތާހުކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ހާމަކުރެއްވި ގޮތުގައި މިއަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން ހެދުމަށް ނިންމާފައިވާ ފުރަތަމަ ރެކޯޑަކީ ގައުމެއްގެ ވެރިކަން ކުރާ ރަށެއްގެ ވަށައިގެން މޫދުގައި ހިއުމަން ރިންގެއް އެޅުމެވެ.

"އަޅުގަނޑުމެން ވޯލްޑް ރެކޯޑް އެޓެމްޕްޓެއް އެޓެމްޕްޓް ކުރަން މިއުޅަނީ، ދުނިޔޭގެ ވެރިކަން ކުރާ ރަށެއްގެ ވަށައިގެން ހިއުމަން ރިންގެއް މޫދުގައި އެޅުމަށްޓަކައި. އަޅުގަނޑު ދައުވަތު އަރުވަން ރާއްޖޭގެ ރައްޔިތުންނަށް ދައުވަތު އަރުވަން، އަޅުގަނޑުމެން ސެޕްޓެމްބަރު މަހު ފަހުކޮޅު މާލެ ވަށައި، ދެ ގަޑިއިރެއްހާއިރު ތެރޭގައި މޫދުގައި ކުދިބޮޑު ރައްޔިތުން ކެޕިޓަލް ސިޓީއެއް ވަށާ އަޅާ ފުރަތަމަ ރިންގު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަޅާނަން." އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެކަމުގެ ބޭނުމަކީ ދުނިޔޭގެ ޗާޓުގައި ރާއްޖެ ފަވާލެވިގެން ދިއުން ކަމަށެވެ.

މީގެއިތުރުން ރާއްޖޭގެ ރިސޯޓެއްގައި ފްރީ ޑައިވްގެ ދުނިޔޭގެ ރެކޯޑެއް ވެސް ހެދުމަށްވެސް ނިންމާފައިވާ ކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހަކީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.