މެންޗެސްޓާ ޔުނައިޓެޑާއި ފްރާންސްގެ ކުރީގެ ފުލްބެކް ޕެޓްރިސް އެވްރާ ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ.

ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ޔޫރަޕްގެ ބޮޑެތި ކްލަބުތައް ކަމަށްވާ ޔުނައިޓެޑާއި ޔުވެންޓަސް އަށް ކުޅެފައިވާ އެވްރާ ވަނީ ނީސް އާއި މޮނާކޯ އަދި މާސޭ އަށް ވެސް ކުޅެފައެވެ.

އެކަމަކު، އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްތައް ހޭދަކުރީ ޔުނައިޓެޑްގައެވެ. އެގޮތުން، 2006 ވަނަ އަހަރުގެ ޖަނަވަރީ މަހު ފްރާންސްގެ މޮނާކޯ އިން ޔުނައިޓެޑަށް ބަދަލުވެ އެ ކްލަބަށް ކުޅުނު ނުވަ ސީޒަނުގައި 379 މެޗު ކުޅެދީފައިވާއިރު، އެ ޓީމާއެކު އޭނާ ވަނީ އިނގިރޭސި ޕްރިމިއާ ލީގު ފަސް ފަހަރު ހޯދައި، ޔުއެފާ ޗެމްޕިއަންސް ލީގުގެ ވެސް އެއް ފަހަރު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން، އޭނާ ވަނީ އިނގިރޭސި ލީގު ކަޕްވެސް ތިން ފަހަރު ހޯދާފައެވެ.

އެވްރާ ބުނީ ކެރިއަރުގައި މިހާތަނަށް ހޯދާފައިވާ ހުރިހާ ކާމިޔާބީތަކަށް ޝުކުރުވެރިވާކަމަށާއި، ނަމަވެސް ކުޅުން ހުއްޓާލަން ޖެހުމުން ވަރަށް ބޮޑު އަސަރެއްކޮށްފައިވާކަމަށެވެ. އެކަމަކު، މިއީ ކުޅުން ހުއްޓާލަން އެންމެ ރަނގަޅު ދަނޑިވަޅުކަމަށެވެ. އެވްރާ ބުނީ ފުޓްބޯޅަ ކުޅުން ހުއްޓާލުމަށްފަހު ދެން ގަސްދުކުރަނީ ކޯޗިންގެ ދާއިރާއިން ކުރިއަށް ދިއުމަށް ކަމަށެވެ.

"އަހަރެން މިދަނީ 2016 ވަނަ އަހަރުން ފެށިގެން ޔުއެފާ ބީ ލައިސެންސް ކޯސް ފުރިހަމަކުރަމުން. އަމާޒަކީ އެ ކޯސް ނިންމުމަށްފަހު، ޔުއެފާ އޭ ލައިސަންސް ފުރިހަމަކޮށް މޮޅު ކޯޗަކަށް ވުން."

"މީގެކުރީން، ސާރ އަލެކްސް ފާގަސަން ވަނީ ޔުނައިޓެޑްގައި އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު ދެ ކުޅުންތެރިއަކު ވަރަށް މޮޅު ކޯޗުންނަށް ވާނެ ކަމަށް ބުނެފަ. އެއީ ގިގްސްގެ އިތުރުން އަހަރެންގެ ވާހަކަ." ވަރަށް އުފަލުން ހުރެ އެވްރާ ބުންޏެވެ.

އެވްރާ އިތުރަށް ބުނިގޮތުގައި އޭނާ ކޯޗިންގެ ދާއިރާ އަށް ނިކުންނާނީ ދުވަސްކޮޅަކު ޓީވީގައި އާއި އަމިއްލަ ބްރޭންޑްގެ މަސައްކަތުގައި އުޅުމަށްފަހުގައި ކަމަށެވެ. އޭނާ ބުނީ މީހުންނަށް އުފާވެރިކަން ގެނެސްދީ ހިނިތުންވުން ގެނައުމަކީ ވަރަށް ކުރާހިތްވާ ކަމެއް ކަމަށެވެ.

ފްރާންސްގެ ގައުމީ ޓީމުގެ ޑިފެންސްގައިވެސް މުހިއްމު ދައުރެއް އަދާކުރި އެވްރާ ވަނީ 2004 އިން ފެށިގެން 2016 ވަނަ އަހަރުގެ ނިޔަލަށް 81 މެޗު ކުޅެދީފައެވެ. ނަމަވެސް، ކްލަބު ކެރިއަރުގައި ހޯދީ ފަދަ ކާމިޔާބީތަކެއް ގައުމީ ޖާޒީގައި ހޯދިފައެއްނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.