ތަހުގީގީ އިދާރާތަކަށް މައުލޫމާތު ފޯރު ކޮށްދިނުމާ ގުޅޭ ގޮތުން ޝަރީއަތުން ގޮތެއް ކަނޑައެޅެން ދެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުންނަށް ފިޔަވަޅު އެޅުން ހުއްޓުވަން ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ރިޔާސީ ކޮމިޝަންގެ ތަހުގީގަށް ބޭނުންވާ ބައެއް މައުލޫމާތު ދިނުމަށް އެދުނު ނަމަވެސް، ބީއެމްއެލް އިން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ، އެ ކޮމިޝަނުން އެދޭ މައުލޫމާތުތައް ފީޯރުކޮށްދޭން ޖެހޭނީ ކޯޓް އަމުރެއްގެ ދަށުން ކަމަށް ކަނޑައަޅައި ދިނުމަށް އެދިއެވެ.
ރާއްޖޭގައި ހިނގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރާ އެސެޓް ރިކަވަރީ ކޮމިޝަނަށް ބޭނުންވާ މައުލޫމާތުތަކެއް ހޯދުމަށް އެ ކޮމިޝަނުން ވަނީ ބިއެމްއެލްގައި އެދިފައެވެ.
ހައިކޯޓުގެ ހުކުމުގައި ފާހަގަކުރީ އިސްތިސްނާ ހާލަތެއް ކަމުގައިވިޔަސް އެ އިސްތިސްނާއެއްގެ ބޭނުންކުރަންވާނީ ގާނޫނެއް ނުވަތަ ގަވައިދެއްގައި ކަނޑައަޅާފައިވާ އާއްމު އިޖުރާއަތުތައް ބޭނުންކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި އެކަށީގެންވާ ސަބަބުތަކަކާއިއެކު ކަމުގައި ކަމަށެވެ. އެ ހުކުމާއެކު ތަހުގީގީ އިދާރާތަކަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ބޭންކުން އަމަލުކުރަންޖެހޭ ކަމަށް ބޭންކަށް ގަބޫލުކުރެވޭ ގޮތާއި ތަހުގީގީ އިދާރާތަކުން ދެކޭ ގޮތާމެދު ފަރަގު އުފެދިފައިވާ ކަމަށް ބޭންކުން ބުނެއެވެ.
ސިވިލް ކޯޓުން އެފަދައިން ހުކުމް ކޮށްފައިވާއިރު ރައްޔިތުންގެ މަޖިލީހަށް ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތުކޮށް ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފްގެ މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފަ އެވެ. އަދި އެ މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ވެސް ކުރަމުންނެވެ.