ވާދަވެރި ކްލަބުތަކުން ކުޅުންތެރިން ގަތުމަށް ބޮޑު ހޭދައެއްކުރިނަމަވެސް އެކަމާ ހަސަދަވެރި ނުވާކަމަށާއި، މިހާރު އޮތް ސްކޮޑާމެދު ހިތްހަމަޖެހޭކަމަށް އެންމެފަހުގެ ޔޫރަޕްގެ ޗެމްޕިއަން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.

މީގެކުރީން، މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ކްލޮޕް ވަނީ ލިވަޕޫލަކީ ކޮންމެ ފަހަރަކު ބޮޑު ހޭދައެއްކޮށްގެން ކުޅުންތެރިން ގެންނަ ޒާތުގެ ކްލަބެއް ނޫންކަމަށެވެ.

އެގޮތުން، މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ވާދަވެރި ކްލަބުތަކުން ބޮޑު އަގުގައި ކުޅުންތެރިން ގެނެސްފައިވާއިރު، މިހާތަނަށްއައިއިރު ލިވަޕޫލުން ގެނެސްފައިވަނީ ޒުވާން ދެ ކުޅުންތެރިން ކަމަށްވާ ސެޕް ވެން ޑަން ބާގް އަދި ހާވޭ އެލިއަޓް އެވެ.

"އެހެން ކްލަބުތަކުން ކުޅުންތެރިން ހޯދުމަށް ކުރާ ހަރަދުތަކާ ބެހޭގޮތުން އަހަރެން އެއްޗެއް ބުނާކަށް ނެތީން. އެގޮތަށް އަހަރެމެންނަށް ހަރަދުކުރެވޭކަށް ނެތް. އެހެނިހެން ހަރަދުތައް ބަލަހައްޓަމުން، ކުޅުންތެރިން ގަތުމަށް އެހާ ބޮޑު ހޭދައެއްކުރުމަކީ މި ކްލަބު ހިންގަމުން އަންނަ ގޮތެއް ނޫން."

"ރެއާލް މެޑްރިޑާއި، ބާސެލޯނާގެ އިތުރުން މެންޗެސްޓާ ސީޓި އަދި ޕީއެސްޖީން މެދުކެނޑުމެއްނެތި ބޮޑު އަގުގައި ކުޅުންތެރިން ގަތުމަށް ހޭދަކުރިނަމަވެސް، އަހަރެމެންނަށް އެ ޓީމަތަކާ ވާދަކުރެވޭކަށް ނެތް. މިއީ އެކަމުގެ ހަގީގަތް." ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ މިއީ އެއްގޮތަކަށްވެސް އެ ކްލަބުތަކާ ހަސަދަވެރިވެގެން، ނޫނީ ފާޑުކިޔަނީ ނޫން ކަމަށާއި އެކަމުގެ ހަގީގަތްކަމަށެވެ. މިފަހަރު ލިވަޕޫލުން ބޮޑު ހޭދައެއް ނުކުރިނަމަވެސް، ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި ކުޅުންތެރިން ގެނައުމުގެ ފުރުޞަތުއެބައޮތްކަމަށެވެ. އޭނާ އިތުރަށް ބުނީ، މީގެކުރީން އެ ޓީމުން ކުޅުންތެރިން ގަތުމަށް ބޮޑު ހޭދައެއްކޮށްފައިވާކަމަށާއި، މި ސީޒަނުގައި އޮތް ގޮތަކީ އެ ކުޅުންތެރިންނާއެކު މަސައްކަތްކުރުމުގައި ދެމިހުރުންކަމަށެވެ.

މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ލިވަޕޫލުން ބޮޑު ހޭދައެއްކޮށްފައިނުވާއިރު، ޕްރީ-ސީޒަންގައި އެ ޓީމުގެ ނަތީޖާތައް ފެންނަނީ ދަށްކޮށެވެ. އެގޮތުން، އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން އެންމެ މެޗަކުންވެސް މޮޅުވެފައިނުވާއިރު، ތިން މެޗުން ބަލިވެ އެއް މެޗުން ވަނީ އެއްވަރުވެފައެވެ.

ލިވަޕޫލުން ވަނީ މިދިޔަ ދެ އަހަރު ބޮޑު އަގުގައި ބްރެޒިލްގެ އެއްވަނަ ގޯލްކީޕަރު އެލިސަން ބެކާ އަދި ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި ނެދަލޭންޑްސްގެ ވާޖިލް ވެން ޑައިކް ގެނެސްފައެވެ. މީގެއިތުރުން، އެ ޓީމުން ގެނެސްފައިވާ ފާހަގަކޮށްލެވޭ އިތުރު ކުޅުންތެރިންގެ ތެރޭގައި، މުހައްމަދު ސަލާހު އާއި ސަޑިއޯ މާނޭ އަދި ފަބީނިއޯގެ އިތުރުން ނަބީ ކެއިޓާ ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *