މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ޖަރުމަނުގެ ވިންގާ ލެރޯއީ ސާނޭ ގެންދެވޭނެކަމުގެ އުއްމީދު އެބައޮތްކަމަށް ބަޔާން މިއުނިކްގެ ކޯޗު ނިކޯ ކޮވަޗް ބުނެފިއެވެ.

އުމުރުން 23 އަހަރުގެ ސާނޭ ހޯދަން ޖަރުމަނުގެ ޗެމްޕިއަން ބަޔާނުން އަންނަނީ އެކި ގޮތްގޮތުން މަސައްކަތްކުރަމުންނެވެ. އެގޮތުން، ބަޔާނުން ކުރާ މަސައްކަތުގައި އެ ގައުމުގެ މަޝްހޫރު ކުޅިވަރު ސާމާނު އުފައްދާ ކުންފުނި އެޑިޑާސް އިން ވެސް ބައިވެރިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި، މީގެއިތުރުން ޖަރުމަނުގެ ކޯޗު ޔަކީމް ލޯ ވެސް ވަނީ ބަޔާނަށް ބަދަލުވުމަށް ހިތްވަރުދީފައެވެ.

ބަޔާންގެ ކޯޗު ކޮވަޗް ވަނީ ސާނޭ އަށް ތައުރީފްކޮށް އޭނާ އިންގްލެންޑްގައި ހޯދަމުން އަންނަ ކުރިއެރުންތައް ފާހަގަކޮށް، އޭނާ ގެނެވޭނެކަމުގެ އުއްމީދު ބޮޑުކަމަށް ބުނެފައެވެ.

"ސާނޭ ވަނީ މިހާތަނަށް އައިއިރު އިންގްލެންޑްގައި ސިޓީއާއެކު މޮޅު ކުޅުމެއް ދައްކައި، ގައުމީ ޓީމުގައިވެސް އެ އަންނަނީ ތަފާތު ދައްކަމުން. އޭނާ ގެނައުމަށް ފަސޭހަނުވާނެ ކަން އެނގިހުރެ، އަދިވެސް މިދަނީ މަސައްކަތްތަކެއް ކުރަމުން. މި ކްލަބަށް ސާނޭ ގެނެވޭނެކަމުގެ އުއްމީދު ވަރަށް ބޮޑު." ކޮވަޗް ބުންޏެވެ.

ޖަރުމަނުގެ ޝާލްކޭ އިން 55 މިލިއަން ޑޮލަރުގެ ފީ އަކަށް 2016 ވަނަ އަހަރު ސިޓީ އަށް ބަދަލުވެ ސާނޭ ވަނީ އެ ޓީމާއެކު ވޭތުވެދިޔަ ދެ ސީޒަނުގައިވެސް އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ކާމިޔާބުކުރިއިރު ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މީގެއިތުރުން، އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އަދި ދެ އަހަރު އޮތްއިރު، އާ ކޮންޓްރެކްޓްގެ މަޝްވަރާތަކުގައިވެސް އަލިމަގެއް ފެނިފައެއްނުވެއެވެ.

އެކަމަކު، ފަހަކަަށް އައިސް އެ ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ހޯދުމުގެ ސާނޭ އަށް އުނދަގޫތައް ދިމާވެފައިވާތީވެ ބަޔާން ފަދަ ބޮޑު ކްލަބަކަށް ކުޅުމުގެ ފުރުޞަތު ލިބިއްޖެނަމަ އެ ފަދަ ހުށަހެޅުމަކަށް ފުރަގަސްދޭނެކަމަށް ނުބެލެވެއެވެ. މީގެކުރީން، ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ އެ ޓީމުގައި ހުންނަން ބޭނުންނުވާ ކުޅުންތެރިއަކު ލައްވައި ނުރުހުމުގައި ނުކުޅުވާނެ ކަމަށް ބުނެ ސާނޭ އަށް އިންޒާރުވެސް ދީފައެވެ. 

ބަޔާނުން ސާނޭ ހޯދުމުގެ މަސައްކަތް ފެށީ، ނިމިދިޔަ ސީޒަނަށް ފަހު އެ ޓީމުގެ ލެޖެންޑުންކަމަށްވާ ފްރޭންކް ރިބެރީ އާއި އާރްޔެން ރޮބެން އެ ޓީމު ދޫކޮށްލުމަށް ނިންމުމުން، އެ ދެ ކުޅުންތެރިން ނެތްތަން ފޫބެއްދުމަށް އެންމެ އެކަށީގެންވާ ކުޅުންތެރިއެއް ކަމަށް އެ ޓީމުގެ ކޯޗު ކޮވަޗް ގަބޫލުކުރާތީވެއެވެ.

ނަމަވެސް، މިހާތަނަށްއައިއިރު ސާނޭ ހޯދުމަށް ބަޔާނުން ކުރަމުން އައި މަސައްކަތުގައި ކާމިޔާބުވެފައެއްނުވެއެވެ. އެ ޓީމުން ހުށަހެޅި ދެ ބިޑަށް ވެސް ސިޓީން ނޫނެކޭ ބުނެފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މި ކަމަށް އޮތް އެންމެ ބޮޑު ހުރަހަކީ، ސާނޭ ވިއްކާލަން ސިޓީން ކިޔާ އަގު ބަޔާނުން ދޭން ދެކޮޅުހެދުމެވެ. އެގޮތުން، ސިޓީން ސާނޭ ވިއްކާލުމަށް ބޭނުންވަނީ މަދުވެގެން 123 މިލިއަން ޑޮލަރަށެވެ.

ބަޔާނުން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ފްރާންސްއާ އެކު އެންމެފަހުގެ ވޯލްޑްކަޕް ކާމިޔާބުކުރި ދެ ފުލްބެކުން ކަަމަށްވާ ލޫކަސް ހެނާންޑޭޒާއި ބެންޖަމިން ޕަވާޑް ގަނެފައެވެ. ލޫކަސް ގަތުމަށް އެތުލެޓިކޯ މެޑްރިޑަށް 88 މިލިއަން ޑޮލަރު ދިންއިރު، ޕަވާޑްގެ ސޮއިހޯދީ ޖަރުމަނުގެ ސްޓުޓްގާޓަށް 35 މިލިއަން ޑޮލަރު ދީފައެވެ. މީގެއިތުރުން، އެ ޓީމަށް ކުޅެމުން އައި ޖަރުމަނުގެ އިތުބާރު ޑިފެންޑަރު މެޓްސް ހުމެލްސް ވަނީ އެނބުރި ބޮރޫޝިއާ ޑޯޓްމަންޑަށް ބަދަލުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.