ކުޅިވަރު
ފުލަމް ބަލިކޮށް ސިޓީ ލީގު ހޯދުމާ ގާތަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމް ބަލިކޮށް، މެންޗެސްޓާ ސިޓީ ލީގު ކާމިޔާބުކުރުމާ ގާތަށް ޖެހިލައިފި އެވެ.

ލީގުގައި ބާކީ ދެ މެޗު އޮތްއިރު، ސިޓީ ވަނީ އެއް ވަނަ އަށް ޖެހިލާފަ އެވެ. އެ ޓީމަށް 85 ޕޮއިންޓު ލިބިފައިވާއިރު، ދެވަނައިގައި އާސެނަލް އަށް ލިބިފައިވަނީ 83 ޕޮއިންޓެވެ. ސިޓީ މޮޅުވުމާއެކު، ލިވަޕޫލް ވަނީ ލީގު ރޭހުން ބޭރު ވެފައެވެ. ލިވަޕޫލް އަށް ލިބިފައިވަނީ 78 ޕޮއިންޓެވެ.

ހޮނިހިރު ދުވަހުގެރޭ ފުލަމްގެ ދަނޑުގައި ކުޅުނު މެޗުން ސިޓީ މޮޅުވީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗު ފެށިގެން 13 ވަނަ މިނެޓުގައި ސިޓީ އަށް ލީޑު ނަގައިދިނީ ޖޮސްކޯ ގްވާޑިއޯލް އެވެ.

ސިޓީ އިން ލީޑު ފުޅާކޮށްފައިވަނީ ދެވަނަ ހާފުގަ އެވެ. މެޗުގެ 59 ވަނަ މިނެޓުގައި ސިޓީގެ ދެވަނަ ގޯލު ޖެހީ ފިލް ފޯޑެން އެވެ. އޭގެ 12 މިނެޓު ފަހުން، ގްވާޑިއޯލް ވަނީ އިތުރު ގޯލެއް ޖަހައި، ސިޓީ އަށް ހަމަޖެހިލެވޭވަރުގެ ލީޑެއް ހޯދަދީފަ އެވެ.

މެޗުގެ އިތުރު ވަގުތުގައި ފުލަމްގެ އީސާ ދިއޮޕް އޭރިޔާ ތެރެއިން ކުރި ފައުލަކާ ގުޅިގެން އޭނާ އަށް ވަނީ ރަތް ކާޑު ދައްކާފަ އެވެ. އެ ފައުލް އާ ގުޅިގެން ލިބުނު ޕެނަލްޓީ، ޖޫލިއަން އަލްވަރޭޒް ވަނީ ކާމިޔާބުކޮށްފަ އެވެ.

ލީގުގައި ސިޓީ އަށް ބާކީ އޮތީ ޓޮޓެންހަމް އާއި ވެސްޓް ހޭމް އާ ދެކޮޅަށް ކުޅޭ މެޗު ތަކެވެ. އާދީއްތަ ދުވަހުގެރޭ އާސެނަލް ނިކުންނާނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަ ށެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top