ޗައިނާގެ ޖިއާންސޫ ސަނިން އަށް ގަރެތު ބޭލް ބަދަލުވުމުގެ މަސައްކަތް ކުރިއަށްދަނިކޮށް ރެއާލް މެޑްރިޑުން އޭނާ އެ ޓީމަށް ދޫނުކުރަން ނިންމައިފިއެވެ.

ސުޕަ ލީގުގެ ޖިއަންސޫ އަށް ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި، ދުނިޔޭގެ އެންމެ ބޮޑު މުސާރަ ލިބޭ ކުޅުންތެރިޔާގެ ގޮތުގައި އުމުރުން 30 އަހަރުގެ ބޭލް ސޮއިކުރަން ނިންމާފައިވާއިރު، މުސާރައިގެ ގޮތުގައި ހަފްތާ އަކު އެއް މިލިއަން ޕައުންޑު ވަނީ ހުށަހަޅާފައެވެ. ނަމަވެސް، މި ޑީލް އިތުރަށް ކުރިއަށްނުގެންދާން ރެއާލުން ނިންމީ ޓްރާންސްފާ ފީއަކާމެދު ދެ ޓީމަށް އެއްބަސްވުމަކަށް ނާދެވުމުންނެވެ.

2013 ވަނަ އަހަރު ޓޮޓެންހަމް ހޮޓްސްޕާ އިން ރެއާލަށް ބޭލް ބަދަލުވީ، އޭރުގެ ރެކޯޑް އަގެއްކަމަށްވާ 91 މިލިއަން ޔޫރޯގެ ފީ އަކަށްވާއިރު، އެ ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވެސް ބޭލް ފަދަ މުހިއްމު ކުޅުންތެރިއަކު ކުޑަ އަގަކަށް ދޫކޮށްލާން މުޅީން ދެކޮޅެވެ.

ޗައިނާގެ ޓްރާންސްފާ ބާޒާރު އަންނަ ބުދަ ދުވަހު ބަންދުވުމުގެ ކުރީން ދެ ޓީމު މެދުގައި މަޝްވަރާތައް އަލުން ފެށި ޖިއާންސޫ އަށް ބަދަލުވެވޭނެކަމުގެ އުއްމީދުގައި ހުރި ބޭލްގެ މުސްތަގުބަލާމެދު ވަނީ ސުވާލު އުފެދިފައެވެ.

މީގެއިތުރުން، ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާންއާ ބޭލްގެ ގުޅުން ހީނަރުވެފައިވާއިރު، ކުރިއަށް އޮތް ސީޒަނުގައި ރެއާލްގައި އޭނާ މަޑުކުރިނަމަވެސް ފުރަތަމަ އެގާރައިގައި ކުޅުމުގެ ފުރުޞަތުލިބޭނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ. ދާދިފަހުން އެ ޓީމުގެ ކޯޗު ޒިދާން ވަނީ އެންމެ ރަނގަޅު ގޮތަކީ ރެއާލް ދޫކޮށްލުމަށްފަހު ބޭލް އެހެން ކްލަބަކަށް ބަދަލުވުންކަމަށް ވެސް ބުނެފައެވެ.

މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި ޖަރުމަންގެ ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗުން ފުރުޞަތުދީފައިނުވާއިރު، ދެން ޖެހިގެން އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ހާފުގައި ކުޅެން ނިކުމެ ގޯލެއް ކާމިޔާބުކުރިނަމަވެސް އޭގެފަހުން، ވާދަވެރި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅެ 7-3 އިން ބަލިވި މެޗުގައިވެސް ބޭލް ކުޅެން ނެރެފައިވަނީ ދެވަނަ ހާފުގައެވެ.

އަނިޔާގެ ތަފާތު މައްސަލަތަކާހުރެ ފަހަކަށް އައިސް ބޭލް އަށް އެންމެ ރަނގަޅު ކުޅުން ދެއްކިފައިނުވާއިރު، މުހިއްމު ގިނަ މެޗުތަކުގައި ފުރަތަމަ އެގާރައިން ފުރުޞަތުވެސް ނުލިބެއެވެ. އެގޮތުން، ވޭތުވެދިޔަ ހަތަރު ސީޒަނުގައި ލީގުގައި ކުޅެފައިވަނީ 79 މެޗެވެ. އެކަމަކު، ރެއާލްގައި މިހާތަނަށް ހޭދަކުރީ ހަ ސީޒަނުގައި ހަތަރު ފަހަރު ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު ސްޕެނިޝް ލީގު ވެސް އެއްފަހަރު ވަނީ ހޯދާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.