މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހިއްސާ ވިއްކަން މިއަދު ފަށައިފި އެވެ.
އިސްލާމިކް ބޭންކުން ހިއްސާ ވިއްކުން މިދިޔަ ހަފުތާގެ ތެރޭގައި އިފްތިތާހުކޮށްފައިވާއިރު، އެ ކުންފުނި ޕަބްލިކް ކުންފުންޏަކަށް ހަދައި 6.9 މިލިއަން ހިއްސާ ވިއްކަން އިސްލާމިކް ބޭންކުން ވަނީ ނިންމާފަ އެވެ.
އިސްލާމިކް ބޭންކުން ހިއްސާ ވިއްކަން ހުޅުވާލާފައިވަނީ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ހިއްސާއެއް 35ރ. ގެ މަގުން 244 މިލިއަން ރުފިޔާގެ ހިއްސާއެވެ،
ކޮންމެ މީހަކަށް ވެސް މަދުވެގެން ގަނެވޭނީ 700 ރުފިޔާގެ ހިއްސާއެވެ. އެއީ 20 ހިއްސާ އެވެ. ހިއްސާގެ އަދަދު އިތުރުކުރާ ނަމަ އިތުރު ކުރެވޭނީ 10 ހިއްސާގެ ރޭޓުންނެވެ.
އެމްއައިބީގެ ހިއްސާ ވިއްކުން އިފްތިތާހު ކުރުމަށް ބޭއްވި ހަފުލާގައި އެ ބޭންކުން ބުނީ ހިއްސާ ވިއްކުމަށް ހަމަޖެހިފައިވަނީ އެންޑީބީއައިބީގެ ބައިނަލްއަގްވާމީ މާލީ ތަޖުރިބާކާރުންގެ އެހީ އާއި ޝާހު ހުސައިން އެންޑް ކޯގެ ގާނޫނީ ލަފާގެ މަތިން ކަމަށެވެ
ދުނިޔޭގެ ކޮންމެ ތާކު ހުރެގެން ވެސް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ އިންފިނިޓީ ފޯޓަލް މެދުވެރިކޮށް އެ ބޭންކުގެ ހިއްސާ ގަނެވޭނެ އެވެ.
އެމްއައިބީ ވުޖޫދަށް އައިސްފައިވަނީ މީގެ 8 އަހަރު ކުރިންނެވެ.