ފްރާންސްގެ ލިއްލޭ އަށް ކުޅެމުން އަންނަ އައިވަރީ ކޯސްޓްގެ ވިންގާ ނިކޮލަސް ޕެޕޭ ހޯދުމުގެ ރޭހުގައި އާސެނަލް ކުރިހޯދައިފި ކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އުމުރުން 24 އަހަރުގެ ޕެޕޭ ގެންދިއުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކްލަބުތަކުގެ ތެރޭގައި، މެންޗެސްޓާ ޔުނައިޓެޑާ، އާސެނަލްގެ އިތުރުން ނަޕޯލީ ހިމެނެއެވެ.

އެކަމަކު، އާސެނަލުން އޭނާގެ ސޮއި ހޯދުމާއި ގާތަށް ޖެހިލާފައިމިވަނީ ނަޕޯލީ އިން ލިއްލޭ އާއެކު މީގެކުރީން އެއްބަސްވުމަކަށް އައިސްފައިވަނިކޮށެވެ. ނަމަވެސް، އެ ޑީލް އިތުރަށް ކުރިއަށް ނުދިޔައީ ޕެޕޭގެ ފަރާތުން މަޝްވަރާކުރި މަންދޫބުންނާއެކު އެއްބަސްވުމަކަށް ނާދެވުމުންނެވެ.

އާސެނަލްގެ ބޯޑުން މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެ ޓީމަށް ހަރަދުކުރުމަށް ދީފައިވަނީ ކުޑަ ބަޖެޓެއް ކަމަށް މީޑިއާގައި އަޑުއަރާފައިވާއިރު، ލިއްލޭ އިން ޕެޕޭ ވިއްކާލުމަށް ކަނޑައަޅާފައި 80 މިލިިއަން ޔޫރޯ (89 މިލިއަން ޑޮލަރު) ދޭން އެކްލަބުން އެއްބަސްވެފައިވަނީ އިންސްޓޯލްމަންޓް އުސޫލުން ބަހާލައިގެންނެވެ.

އައިވަރީ ކޯސްޓަށް މިހާތަނަށް ކުޅެދިން 11 މެޗުގައި 4 ލަނޑުޖަހާފައިވާ ޕެޕޭގެ ވިދުން އެންމެ ގަދަވީ ނިމިދިޔަ ސީޒަނުގައެވެ. އެގޮތުން، ލިއްލޭ އަށް ފްރެންޗް ލީގުގެ ދެވަނަ ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށް އޭނާ ވަނީ އެ ޓީމަށް ކުޅެދިން 38 މެޗުގައި 22 ގޯލްޖަހައި، އިތުރު 11 ލަނޑުޖެހުމަށް އެހީތެރިވެދީފައެވެ.

އާސެނަލުން ވިންގަށް ކުޅޭ ކުޅުންތެރިއަކު ހޯދުމަށް ކުރާ މަސައްކަތުގައި މީގެކުރީން ވަނީ ޕެޕޭއާ އެކު ގައުމީ ޓީމަށް ކުޅެމުން އަންނަ ވިލްފްރައިޑް ޒަހާ އަށް ވެސް ބިޑްކޮށްފައެވެ. ނަމަވެސް، ކްރިސްޓަލް ޕެލަސް އިން ޒަހާ ވިއްކާލުމަށް ކިޔާ އަގު ބޮޑުކަމުން އެކަން ކާމިޔާބުވާގޮތެއްނުވިއެވެ.

ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އާސެނަލުން ވަނީ މިހާތަނަށް އައިއިރު، ބްރެޒިލްގެ ޒުވާން ކުޅުންތެރިޔާ ގެބްރިއެލް މާޓިނެއްލީ އާއި ރެއާލް މެޑްރިޑުން ލޯން އެއްބަސްވުމެއްގެ ދަށުން ޑެނީ ސެބަޔޯސް ގެނެސްފައެވެ. މީގެއިތުރުން، އެ ޓީމުން ސެއިންޓް އެޓިއެންގެ އުއްމީދީ ޑިފެންޑަރު ވިލިއަމް ސަލީބާގެ ސޮއި ހޯދާފައިވީނަމަވެސް، އެއްބަސްވުމުގައިވާ ގޮތުން މި ސީޒަނުގައި ސަލީބާ ކުޅޭނީ މިދިޔަ އަހަރު ވެސް އޭނާ ކުޅުނު ސެއިންޓް އެޓިއެން އަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *