މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބަންނަމުން ދިޔަ ޓަގު ބޯޓެއްގެ މައްސަލާގައި އެ މަސައްކަތުގެ އަގަށްވާ ފައިސާ ދޫނުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގީ ގާނޫނާ އެއްގޮތަށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފިއެވެ.
ދެހާސް ބާރަވަނަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަން، (އޭސީސީ)އިން ވަނީ އެ ކޮމިޝަނުން ބަލަމުން ދިޔަ މައްސަލައަކާއި ގުޅިގެން އެމްޕީއެލްއިން ސެންޓަ އެންޓަ ޕްރައިސަސްއާ ހަވާލުކޮށްގެން އެ ކުންފުންޏަށް ބަންނަމުންދިޔަ އެ މަސައްކަތުގެ އަގަށްވާ ފައިސާގެ ތެރެއިން އެހާތަނަށް ނުދީ ހުރި ފައިސާ ދޫނުކޮށް، ހިފަހައްޓަން އެމްޕީއެލްއަށް އަންގައިފައެވެ.
ސެންޓަ އެންޓަ ޕްރައިސަސް އިން އޭސީސީއާ ދެކޮޅަށް ވަނީ ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކޮށްފައެވެ ނަމަވެސް އޭގެ ފަހުން ގެއްލުމުގެ ބައި ދައުވާއިން އުނިކޮށް އޭސީސީއިން އަމަލުކޮށްފައިވާގޮތް ބަލައިދިނުމަށް އެދުމުން ސިވިލް ކޮޓުން ނިންމާފައި އޮތީ އެކަމުގައި އޭސީސީން ގާނޫނާ ޚިލާފްވިކަން ސާބިތުނުވާ ކަމަށެވެ.
އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމީ ސިވިލް ކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ.
ހައި ކޯޓުގެ ހުކުމުގައި ބަޔާން ކޮށްފައިވަނީ އޭސީސީއިން އެގޮތަށް އަންގާފައިވަނީ އޭރު އެ ކޮމިޝަނުން ބަލަމުން ދިޔަ މައްސަލައަކާއި ގުޅިގެން ކަމަށާއި މައްސަލަ ތަހުގީގު ކުރުމަށްފަހު އެމްޕީއެލްގެ ބޯޑުން ނިންމާ އުސޫލެއްގެ މަތިން ފައިސާ ދޫކުރުމުގައި މައްސަލައެއް ނެތް ކަމަށް އޭސީސީން ފަހުން އެމްޕީއެލްއަށް އަންގާފައިވާ ކަމަށެވެ.