ދުނިޔޭގެ އެންމެ ބޮޑު މުސާރަ ލިބޭ ކުޅުންތެރިޔާގެ ގޮތުގައި ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ވޭލްސްގެ ތަރި ގަރެތު ބޭލް ޗައިނާގެ ޖިއާންސޫ ސަނިން އަށް ބަދަލުވުމާ ގާތުގައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޗައިނާގެ ސުޕަ ލީގުގެ ޖިއަންސޫ އަށް އުމުރުން 30 އަހަރުގެ ބޭލް ސޮއިކުރާނީ ތިން އަހަރުގެ އެއްބަސްވުމެއްގައެވެ. ރިޕޯޓްތައް ބުނާގޮތުން، ބޭލް އަށް ހަފްތާ އަކު އެއް މިލިއަން ޕައުންޑުގެ މުސާރައެއް ދިނުމަށް އެ ކްލަބުން ނިންމާފައިވާއިރު، މިހާރު މި ޑީލް ނުނިމި އޮތީ ރެއާލް އާއެކު ޖިއަންސޫ އަށް އެއްބަސްވުމަކަށް އާދެވިފައިނުވާތީވެއެވެ.

މީގެކުރީން، ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ވަނީ އެންމެ ރަނގަޅު ގޮތަކީ އެ ޓީމު ދޫކޮށްލުމަށްފަހު ބޭލް އެހެން ކްލަބަކަށް ބަދަލުވުންކަމަށާއި، ވަރަށް އަވަހަށް އޭނާގެ މުސްތަގުބަލާމެދު ވަކިގޮތެއް ނިމިގެންދާނެކަމަށް ބުނެފައެވެ.

ޒިދާންއާ ބޭލްގެ ގުޅުން ހީނަރުވެފައިވާއިރު، މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގެ ފުރަތަމަ މެޗުގައި ޖަރުމަންގެ ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗަށް އޭނާ ނަގާފައެއްނުވެއެވެ. އެކަމަކު، ދެން ޖެހިގެން އާސެނަލްއާ ދެކޮޅަށް ކުޅެން ނިކުމެ ބޭލް ގޯލެއް ކާމިޔާބުކޮށްފައިވާއިރު، އޭގެފަހުން ވާދަވެރި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅެ 7-3 އިން ބަލިވި މެޗުގައިވެސް އޭނާ ފެނިގެންގޮސްފައިވެއެވެ.

ރެއާލުން 2013 ވަނަ އަހަރު، އޭރުގެ ރެކޯޑް އަގެއްކަމަށްވާ 91 މިލިއަން ޔޫރޯ އަށް ޓޮޓެންހަމް ހޮޓްސްޕާ އިން ގަތް ބޭލް އަށް މިދިޔަ ހަތަރު ސީޒަނަކީ އެންމެ ކާމިޔާބު ހަތަރު އަހަރެއް ނޫނެވެ. އަނިޔާގެ ސަބަބުން، ލީގުގައި ކުޅެން ޖެހޭ 151 މެޗުގެ ތެރެއިން ކުޅެވުނީ 79 މެޗެވެ. މީގެއިތުރުން، މުހިއްމު ގިނަ މެޗުތަކެއްގައި ފުރަތަމަ އެގާރައިން ވެސް ފުރުސަތެއް ނުލިބެއެވެ.

ބޭލް ވަނީ ރެއާލްގައި މިހާތަނަށް ހޭދަކުރީ ހަ ސީޒަނުގައި ހަތަރު ފަހަރު ޔުއެފާ ޗެމްޕިއަންސް ލީގާއި ފީފާ ކްލަބް ވޯލްޑްކަޕް ކާމިޔާބުކޮށް، ޔުއެފާ ސުޕަ ކަޕް ތިން ފަހަރު އަދި ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕްގެ އިތުރުން ސްޕެނިޗް ސުޕަ ކަޕްވެސް އެއް ފަހަރު ހޯދާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.