ދިވެހިންނަށް ހައްޤު މިންވަރު ކަނޑައަޅާނީ ހުދު ދިވެހިން ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހާއި ގުޅިގެން ސައީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިންގެ ހައްޤު މިންވަރު ކަނޑައަޅާނީ އަވަށްޓެރި އަދި ދުރު ޤައުމުތަކުން ނޫން ކަމަށާއި، އެއީ ދިވެހިންގެ މިނިވަން ހައްޤެއް ކަމަށެވެ.

އަދި ދިވެހިރާއްޖެ ތަރައްޤީ ކުރަންވީ މިންވަރާއި، ދިވެހިން އުޅެންވީ ގޮތްވެސް ނިންމާނީ ހަމަ ދިވެހިން ކަމުގައި ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރެއްވި ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ، ރާއްޖެއަކީ ކުޑަ ޤައުމަކަށް ވުމަކީ އަޅުވެތިކުރުމަށް ދެވޭ "ލައިސެންސެއް" ނޫން ކަމަށެވެ.

"ދުނިޔޭގެ ޗާޓުގައި ވަކި ހިސާބެއްގައި ރާއްޖެ އޮތުމަކީ އަދި ކުޑަ ޤައުމަކަށް ވުމަކީ އަޅުވެތި ކުރުމަށް ދެވޭ ލައިސެންސެއް ނޫން" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، އަޅުވެތިކަމުން އަރައިގަތުމަށް އޮތް އެންމެ ބޮޑު ހައްލަކީ ޤައުމުގެ ފުދުންތެރިކަން އިތުރުކުރުން ކަމަށެވެ. އަދި ސިޔާސީ ބަދަލު ހިފުމާއި، ބައިބައިކުރުމުގެ ވިސްނުން ދޫކޮށް، އަދުލުއިންސާފު ޤައުމުގައި ޤާއިމު ކުރެވިގެން ދިޔުމަކީވެސް ހަޤީޤީ މިނިވަން ކަމުގެ ސިފައެއް ކަމުގައި ސައީދު ސިފަކުރެއްވިއެވެ.

މެމްބަރު ސައީދު ވަނީ ރާއްޖޭގެ 54 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.