ބާސެލޯނާގެ ޔޫތު ފުޓްބޯޅައިގެ ޑިރެކްޓަރުގެ މަގާމާ އެކްލަބުގެ ކުރީގެ ފޯވާޑް ޕެޓްރިކް ކްލައިވަޓް ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން ހަވާލުވެއްޖެއެވެ.

ސްޕެއިނުގެ މީޑިއާ ހަބަރުތައް ބުނާގޮތުން، އެ މަގާމުގައި ކްލައިވަޓް އަދާކުރާނެ މައިގަނޑު މަސްއޫލިއްޔަތަކީ، ލިއޮނަލް މެސީ އާއި ޖެރަޑް ޕީކޭގެ އިތުރުން ސާޖިއޯ ބުސްކެޓްސް ފަދަ ކުޅުންތެރިން އުފެދިގެން އައި މަޝްހޫރު "ލަ މާސިއާ" އެކަޑެމީގައި ޒުވާން ކުޅުންތެރިން ތަރައްގީކުރުމާއި ގުޅުންހުރި އެންމެހާ ކަންތައްތަކެވެ.

ކްލައިވަޓް ބުނީ ބާސެލޯނާ އަށް އެނބުރި އާދެވުމުން ވަރަށް އުފާވާކަމަށާއި، ދުނިޔޭގެ އެންމެ ކާމިޔާބު ޓީމުތަކުގެ ތެރޭގައި ބާސެލޯނާ ދެމެހެއްޓުމަށްޓަކައި ކޮންމެ ޗެލެންޖަކާ ކުރިމަތިލާންވެސް ތައްޔާރަށްހުރި ކަމަށެވެ.

1990 ގެ އަހަރުތަކުގައި އަޔެކްސް އެމްސްޓެޑަމްގެ ގޯލްޑެން ޖެނެރޭޝަންގެ ގޮތުގައި ފާހަގަވި ކުޅުންތެރިންގެ ތެރޭގައި އުމުރުން އެންމެ 18 އަހަރުގައި ވިދާލި ކްލައިވަޓް ވަނީ 1998 އިން ފެށިގެން 2004 ވަނަ އަހަރުގެ ނިޔަލަށް ބާސެލޯނާ އަށް ކުޅެދިން 308 މެޗުގައި 145 ލަނޑުޖަހައި އެ ކްލަބުގެ ތާރީޚުން ޖާގަ ހޯދާފައެވެ.

އުމުުރުން 43 އަހަރުގެ ކްލައިވަޓަށް ހިންގުމުގެ ދާއިރާގައި މާބޮޑު ތަޖުރިބާއެއް ލިބިފައިނުވީނަމަވެސް މީގެކުރީން އޭނާ ވަނީ ޕީއެސްޖީގެ ޑައިރެކްޓަރު އޮފް ފުޓްބޯލްގެ މަގާމު އަދާކޮށްފައެވެ. ކޯޗިން ކެރިއަރުގައި މިހާތަނަށް ހޯދީ އެންމެ ބޮޑު ކާމިޔާބީއަކީ ނެދަލޭންޑްސްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި 2014 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕްގެ ތިންވަނަ މަގާމު ހޯދުމެވެ. 

2008 ވަނަ އަހަރު ކުޅުން ހުއްޓާލުމަށްފަހު، އޭނާ ވަނީ ނެދަލޭންޑްސް ލީގުގެ އެކި ކްލަބުތަކަށް އިރުޝާދުދީފައެވެ.

ކްލައިވަޓް އެންމެ ފަހުން މަސައްކަތްކުރީ، ކެމަރޫންގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައެވެ. ނަމަވެސް، އެންމެފަހުގެ އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ކެމަރޫންގެ ފަރާތުން ފެނުނު ދަށްކުޅުމުގެ ސަބަބުން ކޯޗު ކްލަރެންސް ސީޑޯފް އާއެކު ކްލައިވެޓް މަގާމުން ދުރުކުރީ މީގެ އެއް ހަފްތާ ކުރިންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.