ގުޅިލާމެހިފައިވާ އަދުގެ ދުނިޔޭގައި އެއްގައުމު އަނެއްގައުމާއި ގުޅިގެން ނޫނީ ގައުމެއްގެ ރައްޔިތެއްގެ ތަރައްޤީ ހޯދަން އުދަގޫވާނޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖެ 54ވަނަ މިނިވަން ދުވަހާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޤައުމާއި މުޚާތަބު ކުރައްވާ މިރޭ ރައީސް ނަޝީދު ވިދާޅުވީ، މިއަދު ފާހަގަ ކުރެވެމުން މިދަނީ ސިޔާސީ މިނިވަންކަން ކަމަށެވެ. އަދި މިއަދު މިފާހަގަ ކުރަނީ ބޭރުގެ އެހެން އިސްތިއުމާރެއްގައި ރާއްޖެ ނެތްކަނަް އަޅުގަނޑުމެންނަށް ކަށަވަރުވާ ކަށަވަރުވުންކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
"މިއަދު ފާހަގަކުރެވެމުން މިދަނީ ސިޔާސީ މިނިވަންކަން، މިއަދު ފާހަގަ ކުރެވެމުން މިދަނީ އެހެން ޤައުމެއްގެ އިސްތިއުމާރުގެ ދަށުގައި މި ރާއްޖެ ނެތްކަން އަޅުގަނޑުމެންނަށް ކަށަވަރުވާ ކަށަވަރުވުން" ރައީސް ނަޝިދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވީ، މިއަދު ވިސްނަންވީ ރައްޔިތު މީހާގެ ތަރައްޤީއަށް ކަމަށެވެ. އެގޮތުން އެއް ޤައުމު އަނެއްގައުމާއި ގުޅިގެން ނޫނީ އެ ތަރައްގީ ހޯދަން އުދަގޫވާނޭކަންވެސް ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖެއަކީ އަދ ގެ މެންބަރު ޤައުމެއްކަމަށާއި، އަދިވެސް އެތައް ޖަމިއްޔާތަކެއްގެ މެންބަރު ޤައުމެއްކަމުން ދޭދޭ ޤައުމުތަކާއި މެދު އޮންނަ ގުޅުން ބަދަހި ކުރުމަކީ މިނިވަން މިނެ ކިރުމުގައި ބޭނުންކުރާ އަސްލެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ދިވެހިންނަށް ލިބިފައިވާ މިނިވަންކަން ކުޑަކޮށް ގެއްލެންވެސް ދިވެހިން ނޭދޭނެކަމަށެވެ. އަދި އެފަދަ ކަމެއް ދިވެހިން ނުކުރާނޭކަމަށެވެ.
ރައީސް ނަޝިދުވަނީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި، ދިވެހި އެންމެހާ ރައްޔިތުންނަށް މިނޖވަން ދުވަހުގެ ތަހުނިޔާ ، މަޖިލީހުގެ ހުރިހާ މެންބަރުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އަރިސްކޮށްފައެވެ.