ރެއާލް މެޑްރިޑަށް ކުޅެމުން އައި ސްޕެއިނުގެ ހުނަރުވެރި މިޑްފީލްޑަރު ޑެނީ ސެބަޔޯސް އާސެނަލަށް ބަދަލުވެއްޖެއެވެ.
އުމުރުން 22 އަހަރުގެ ސެބަޔޯސް އާސެނަލަށް ބަދަލުވެފައިވަނީ އެއް އަހަރުގެ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ.
އެންމެފަހުން ކުޅެވުނު 21 އަހަރުން ދަށުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕް ސްޕެއިނުން ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދެއްކި ސެބަޔޯސް ހޯދަން ޓޮޓެންހަމް ހޮޓްސްޕާއާ ސެވިއްޔާގެ އިތުރުން އޭސީ މިލާނުން ވެސް މަސައްކަތްކުރި އެވެ. އެކަމަކު ސެބަޔޯސް ބޭނުންވީ އާސެނަލަށް ބަދަލުވާށެވެ.
2017 ވަނަ އަހަރު ރެއާލް ބެޓިސް އިން ރެއާލަށް ބަދަލުވެ މިހާތަނަށް އެ ޓީމަށް 56 މެޗު ކުޅެދީފައިވާ ސެބަޔޯސް ވަނީ ވޭތުވެދިޔަ ދެ ސީޒަނުގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ.
ސެބަޔޯސް ބުނީ އާސެނަލަށް ބަދަލުވީ، އެ ޓީމުގެ ކޯޗު އުނާއި އެމެރީގެ ސަބަބުން ކަމަށާއި ސްޕެއިނުގެ ކޯޗަކަށްވެފައި އޭނާގެ ކުޅުން އެމެރީ އަށް ވަރަށް ރަނގަޅަށް އެނގޭތީވެ ކަމަށެވެ.
"ޑެނީ ސޮއިކުރުމުން އަހަރެމެން މި ތިބީ ވަރަށް އުފަލުން. އޭނާ އަކީ ހުނަރުން ފުރިފައިވާ ޓެކްނިކަލީ މޮޅު ކުޅުންތެރިއެއް." އެމެރީ ބުންޏެވެ.
އާސެނަލްގެ ޖާޒީގައި ސެބަޔޯސް އެންމެ ފުރަތަމަ ފެނިގެންދާނީ ކުރިއަށް އޮތް އެމިރޭޓްސް ކަޕްގައި އޮލިމްޕިކް ލިޔޯންއާ ދެކޮޅަށް ކުޅޭ މެޗުގައެވެ. އެ ޓީމުގައި އޭނާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ 8 ނަންބަރު ޖާޒީއެވެ.
މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އާސެނަލުން އަންނަނީ ސެއިންޓް އެޓިއެންގެ ޒުވާން ޑިފެންޑަރު ވިލިއަމް ސަލީބާ އާއި ސެލްޓިކްގެ ވާތު ބެކް ކިއެރަން ޓިއޭނީގެ އިތުރުން ބްރެޒިލްގެ އުއްމީދީ ވިންގާ އެވަޓަން ގެންދިއުމަށް މަސައްކަތްކުރަމުންނެވެ.