އެންމެފަހުން ކުޅެވުނު އެފްރިކާ އާއި ދެކުނު އެމެރިކާގެ އިތުރުން އުތުރު އަދި މެދުތެރޭ އެމެރިކާގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތްތަކަށްފަހު ފީފާ އިން މަހަކު އެއް ފަހަރު ނެރޭ ދުނިޔޭގެ ފުޓްބޯޅަ ރޭންކިން އަށް ބަދަލުތަކެއް އައިސްފިއެވެ.

އެގޮތުން، ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ބްރެޒިލް ވަނީ ރޭންކިންގެ ތިންވަނައިގައި އޮތުމަށްފަހު އެއް ދަރަޖަ ކުރިއަށް ޖެހިލާފައެވެ. ކުރީން ދެވަނައިގައި އޮތް ފްރާންސް ވަނީ ތިންވަނަ އަށް ވެއްޓިފައެވެ. ބްރެޒިލް އަތުން ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ބަލިވި ޕެރޫ އުޅެނީ 19 ވަނައިގައެވެ.

ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އަދިވެސް ބެލްޖިއަމް އުޅޭއިރު، ހަތަރުވަނައިގައި އުޅެނީ އިންގްލެންޑެވެ. ގަދަ 10 ގައި ދެން ހިމެނެނީ، އުރުގުއޭ އާއި ޕޯޗުގަލް އަދި ކޮލަމްބިއާގެ އިތުރުން ކްރޮއޭޝިއާ އާއި ސްޕެއިން އަދި އާޖެންޓީނާ އެވެ. ވަރުގަދަ ޖަރުމަން 15 ވަނައިގައި އުޅޭއިރު، އޭގެ އެއް ދަރަޖަ ފަހަތުން 16 ވަނައިގައި އޮތީ ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލްގައި ބަލިވި ނެދަލޭންޑްސް އެވެ.

މި ފަހަރުގެ ރޭންކިންގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދީ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން ހޯދި އަލްޖީރިއާ އެވެ. އެ ޓީމުން ވަނީ 28 ދަރަޖައިގެ ކުރިއެރުމަކާއެކު ދުނިޔޭގެ 40 ވަނަ އަށް ޖެހިލާފައެވެ. މީގެއިތުރުން، މަޑަގަސްކާ އާއި ނައިޖީރިއާ ވަނީ 12 ދަރަޖައިގެ ކުރިއެރުން ހޯދާފައެވެ. ނައިޖީރިއާ މި ވަގުތު 33 ވަނައިގައި އޮތްއިރު، މަޑަގަސްކާ ވަނީ 96 ވަނައިގައެވެ. އެފްރިކާގެ ސަރަހައްދީ މުބާރާތުގެ ފައިނަލްގައި ބަލިވި ސެނެގޯލް ވަނީ ދެ ދަރަޖައިގެ ކުރިއެރުމަކާއެކު ދުނިޔޭގެ ގަދަ 20 ޓީމުގެ ތެރޭގައި ހިމެނިފައެވެ.

އެންމެފަހުގެ ކޮންކާކަފް ގޯލްޑްކަޕްގެ ޗެމްޕިއަން މެކްސިކޯ ހަ ދަރަޖައިގެ ކުރިއެރުމަކާއެކު 12 ވަނައަށް ޖެހިލިއިރު، އެމެރިކާ ވަނީ 22 ވަނައަށް ޖެހިލާފައެވެ. އުތުރު އަދި މެދުތެރޭ އެމެރިކާ އަށް ނިސްބަތްވާ ހެއިޓީ ވެސް ވަނީ 18 ދަރަޖައިގެ ކުރިއެރުމެއް ހޯދާފައެވެ. އެ ޓީމު އުޅެނީ 83 ވަނައިގައެވެ.

އޭޝިއާގެ ޓީމުތަކަށް މި ފަހަރު މާބޮޑު ކުރިއެރުމެއް ލިބިފައިނުވާއިރު، އެއްވަނައިގައި އަދިވެސް އުޅެނީ އީރާނެވެ. ދުނިޔޭގެ ރޭންކިންގެ 23 ވަނައިގައި އެ ޓީމު އޮތްއިރު، ޖަޕާނު އޮތީ 33 ވަނައިގައެވެ. މި ސަރަހައްދުގެ ޓީމުތަކުގެތެރެއިން، ދުނިޔޭގެ ގަދަ 50 ގައި ދެން ހިމެނެނީ ކޮރެއާ ރިޕަބްލިކްގެ އިތުރުން އޮސްޓްރޭލިއާ އެވެ.

މީގެއިތުރުން، ދިވެހިރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ކުރީގައި އުޅެނީ އަދިވެސް އިންޑިއާ އެވެ. އެކަމަކު، ދެ ދަރަޖައިގެ ވެއްޓުމަކާއެކު އިންޑިއާ 103 ވަނައިގައި އޮތްއިރު، އަފްގާނިސްތާނު އޮތީ 149 ވަނައިގައެވެ. ރާއްޖެ އޮތީ އެއް ދަރަޖައިގެ ވެއްޓުމަކާއެކު، 152 ވަނައިގައެވެ. މުޅި އޭޝިއާ ސަރަހައްދުގެވެސް އެންމެ ފުލުގައި އުޅެނީ 204 ވަނައިގައި އޮތް ޕާކިސްތާނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.