މާފުށީ ޖަލުހައި މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހު ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ސަސްޕެންޑްކުރި އީއެސްޖީ ކޮމާންޑަރގެ ސަސްޕެންޝަން އުވާލައި، އޮފިސަރުންނަށް ފިޔަވަޅު އަޅަން ނިންމައިފިއެވެ.
ކަރެކްޝަންސް އިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ޖޫން 20 ވަނަ ދުވަހު މާފުށީ ޖަލުގައި ހިނގައިދިޔަ ކަންތައްތަކާއި ގުޅިގެން، ޔޫސް އޮފް ފޯސް ރިވިއު ކޮމެޓީއަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އެ މައްސަލަ ހުށަހެޅުއްވުމާއި ގުޅިގެން އެ ކޮމެޓީން އެ މައްސަލަ ބަލާ ދިރާސާކޮށްފައިވާކަމަށާއި، އެ މައްސަލަ ބަލާ ތައްޔާރުކުރި ރިޕޯޓްގައި ހާލަތާ އެކަށީގެންވާ ނުވާ މިންވަރަށް ބާރުގެ ބޭނުންކޮށްފައިވާކަމަށް ފާހަގަކޮށްފައިވާތީ އެކަމުގެ ޒިންމާ އުފުލަން ޖެހޭ އޮފިސަރުންނާއި މެދު ފިޔަވަޅު އެޅުމަށްޓަކައި ޑިސިޕިލިނަރީ ބޯޑަށް މައްސަލަ ފޮނުވާފައިވާކަމަށެވެ.
އަދި ސަސްޕެންޑް ކޮށްފައިވާ އޮފަރޭޝަން ކޮމާންޑަރގެ ސަސްޕެންޝަން ދަމަހައްޓާނެ ތަނެއް ނެތްކަމަށް ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާތީ އޭގެ ސަސްޕެންޝަން އުވާލެވިފައިވާކަމަށްވެސް ބަޔާނުގައިވެއެވެ.
މީގެ އިތުރުން ކަރެކްޝަންގެ އޮފިސަރުންނާއި މުވައްޒަފުންނަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު، ކުށުގެ ވެށިން މީހުން ސަލާމަތްކޮށް، ޒިންމާދާރު ރައްޔިތުންގެ ގޮތުގައި މުޖުތަމައަށް މީހުންނެރުމުގެ ޒިންމާ ފުރިހަމައަށް އުފުލާ ބަޔަކަށް ހެދުމަކީ އެ ސާވިސްގެ އަމާޒެއް ކަމަށެވެ.