ފ. ފީއަލީގައި އުފެދުނު މައްސަލަތަކެއް ހައްލު ކުރަން އުޅުނު ފުލުހުންތަކެއްގެ ވާޖިބަށް ހުރަސް އަޅައި އިންޒާރު ދިން މައްސަލައެއްގައި އެ ރަށުން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ފ. ފީއަލީގައި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފުވެ އަދި ރަށުގެ މަސްލަހަތު ނަގާލަން ބަޔަކު މަސައްކަތް ކުރުމުން އެކަން ހުއްޓުވަން ފުލުހުން ކުރި މަސައްކަތުގައި ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ފުލުހުންނަށް އިންޒާރު ދީފައިވާ މައްސަލައަކާ ގުޅިގެން މިއަދު ކޯޓުގެ އަމުރެއްގެ ދަށުން ހަތަރު ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އުމުރުން 40-46 އަހަރާ ދެމެދުގެ ދިވެހި ފިރިހެނުންނެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި، އެ ހާދިސާ ހިނގަން މެދުވެރިވީ، ކުރިއަށް އޮތް ބޮޑު އީދުގައި ސަގާފީ ކުޅިވަރުތައް އެރަށުގެ ބަނދަރު ސަރަހައްދުގައި ބޭއްވުމާމެދު ފީއަލި އެކުވެރި ޒުވާނުންގެ ޖަމިއްޔާއާއެކު އުފެދުނު ހަމަނުޖެހުންތަކުގެ ތެރެއިންނެވެ.
ފުލުހުން ދަނީ މިހާރު އެމައްސަލަ އިތުރަށް ތަހްގީގު ކުރަމުންނެވެ.