މިދިޔަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކުގެ ފަހަތުގައި އޮތް ތައުހީދު ޖަމާއަތާއި އިސްލާމީ ހަރުކަށި ފިކުރު ގެންގުޅޭ އައިއެސްއާއި ގުޅުމެއް ނެތް ކަމަށް ތަހުގީގު ޓީމުން ހާމަކޮށްފިއެވެ.
އެޕްރީލް 21 ގެ ޓެރަރިސްޓް ހަމަލާތަކާބެހޭ ހަގީގަތްތައް ހޯދުމަށް މަސައްކަތްކުރާ ސްރީލަންކާ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ)އިން ބުނީ، ހަމަލާތައް ދިން އަލް ތައުހީދުގެ ޖަމާއަތުގެ މެމްބަރުންނަކީ އައިއެސްގެ ފިކުރު ގެންގުޅޭ ބައެކެވެ. ނަމަވެސް އެއީ އެ ޖަމާއަތާއި އެއްވެސް ވަރަކަށް ގުޅުން އޮތް ބައެއް ނޫން ކަމަށެވެ.
އަލް ތައުހީދު ޖަމާއަތުން ހަމަލާތައް ދިނީ، އައިއެސްގެ ފިކުރަށް ތާއީދު ކުރާތީ ކަމަށާއި، ތައުހީދު ޖަމާއަތުން ބޮމުގެ ހަމަލާތައް ދޭން އުޅޭކަން ލަންކާގެ އިންޓެލިޖެންސަށް އެނގިފައި އޮތް ކަމަށާއި. ހަމަލާތައް ދިނުމުގައި ތައުހީދު ޖަމާއަތް ކާމިޔާބުވީ އިންޓެލިޖެންސް ފެއިލްވުމުން ކަމަށްވެސް ސީއައިޑީން ބުނެފައިވެއެވެ.
ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި 258 މީހަކު މަރުވި އެވެ. އެ ހަމަލާތަކާާއި ގުޅިގެން މިހާތަނަށް 100 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރު ކޮށްފައެވެ.