ބޭނުންނުކުރާ މޯބައިލް ފޯނާއި އިލެކްޓްރޯނިކްސް ގެޖެޓުތަކުގައި އެކުލެވިގެންވާ ދަގަނޑުގެ މައުދަންތައް ބޭނުންކޮށްގެން، ކުރިއަށް އޮތް 2020 ވަނަ އަހަރުގެ އޮލިމްޕިކްސްއަށް ތައްޔާރުކުރި މެޑެލްތައް ޓޯކިއޯގެ އޮލިމްޕިކް އޯގަނައިޒިންގ ކޮމިޓީން ދައްކާލައިފިއެވެ.

އެ ކޮމިޓީ އިން އޮލިމްޕިކްގައި ބޭނުންކުރާ މެޑެލްތައް ފަރުމާކުރުމަށްޓަކައި ބޭނުންވާ ކުރީގެ މޯބައިލް ފޯނާއި އިލެކްޓްރޯނިކް ގެޖެޓްސްތައް އެއްކުރުމުގެ މަސައްކަތް މިދިޔަ 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގައި ފެށިއިރު، އެ ތަކެތި ހޯދުމުގައި ޕޯސްޓު އޮފީސްތަކާއި، އެންޓީޓީގެ ސްޓޯރުތަކުގެ އިތުރުން އާއްމުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވެއެވެ.

އޮލިމްޕިކްގައި ބޭނުންކުރާ މެޑެލްތައް ފަރުމާކުރުމުގެ ފުރުޞަތު ޖުނިޗީ ކަވަނީޝީއާ ހަވާލުކުރީ އެ ކަމަށް ހާއްސަކޮށް އެ ގައުމުގައި ބޭއްވި މުބާރާތުގައި ގާތްގަނޑަކަށް 400 އަށް ވުރެ ގިނަ ޕްރޮފެޝަނަލް ޑިޒައިނަރުންނާއި، ދަރިވަރުންނާ ވާދަކޮށް އޭނާ އެއްވަނަ މަގާމު ހޯދުމުންނެވެ.

މި މެޑެލްތަކުގެ ޑިޒައިން ދައްކާލިއިރު، އޭގެ ވަށަމިނުގައި 85 މިލިމީޓާރު އަދި އެންމެ ތުނި ދިމާލުގައި 7.7 މިލިމީޓަރާއި އެންމެ ބޯކޮށް ހިމެނޭ ފަށަލައިގައި 12.1 މިލިމީޓަރު ހުރެއެވެ. އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ބަލާ މިންގަނޑުގެ ދަށުން އޮލިމްޕިކްގައި ބޭނުންކުރާ ރަން މެޑެލްގައި މަދުވެގެން 6 ގްރާމްގެ ރަނުގެ އިތުރުން 92.5 އިންސައްތައިގެ ރިހި އެކުލެވިގެންވާންޖެހެއެވެ. މި ފަހަރުގެ ރިހި މެޑެލް ފަރުމާކުރުމަށް 100 ޕަސެންޓް ރިހި ބޭނުންކޮށްފައިވާއިރު، ލޯ މެޑެލް ފަރުމާކޮށްފައިވަނީ 95 އިންސައްތަ ކޮޕަރ (ލޮއި) އާއި 5 އިންސައްތައިގެ ޒިންކު މައުދަން ބޭނުންކޮށްގެންނެވެ.

މީގެއިތުރުން، އައިއޯސީގެ މިންގަނޑުގެ ދަށުން މެޑެލްތައް ފަރުމާކުރާއިރު ގަތާލެވިފައިވާ ފަސް ބޮޅުގެ އިތުރުން ގޭމްސްގެ ނަމާއި، ގްރީކްގެ ގޯޑެސް އޮފް ވިކްޓަރީ "ނައިކް" ޕެނަތެނިއަކް ސްޓޭޑިއަމްގެ ކުރިމަތީގައި ހުންނަ މަންޒަރުވެސް އެކުލެވިގެންވާންޖެހެއެވެ.

އެ ކޮމިޓީ އިން ހާމަކުރިގޮތުގައި، މެޑެލްތައް ފަރުމާކުރުމަށްޓަކައި އެއްކުރެވުނު ގެޖެޓުތަކުގެ ޖުމްލަ ބަރުދަނުގައި ގާތްގަނޑަކަށް 78،895 ޓަނު ހުރިއިރު، އޭގެތެރޭގައި 6.21 މިލިއަން މޯބައިލް ފޯން ހިމެނެއެވެ. މި ހުރިހާ ތަކެތި ބޭނުންކޮށްގެން، މެޑެލްތައް ފަރުމާކުރުމަށްޓަކައި 32 ކިލޯގެ ރަނާއި، 3،500 ކިލޯގެ ރިހީގެ އިތުރުން 2،200 ކިލޯގެ ލޯ މައުދަން ނެގުނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.