ކިތަންމެ އަރާމުކޮށް ނިދާފައި އޮތަސް، ރޭގަނޑު ދަންވަރު ހޭލެވޭ ހެއްޔެވެ؟ ދަންވަރު ހޭލެވުމަކީ ވަރަށް އުނދަގޫވާ ކަމެއްކަން ޔަޤީނެވެ. އެއަށްވުރެ ބޮޑަށް އުނދަގޫވާ ކަމަކީ އަނބުރާ ނުނިދެވުމެވެ. މިއީ ވަރަށް ގިނަ މީހުންނަށް ދިމާވާ، ވަރަށް އާންމު މައްސަލައެކެވެ. ނަމަވެސް މި މައްސަލަ ދިމާވަނީ ކީއްވެގެންތޯ، ނުވަތަ މިކަން ރަނގަޅު ކުރާނީ ކިހިނެއްކަމާމެދު ވިސްނާލިން ހެއްޔެވެ؟ ތިރީގައި މިވަނީ ދަންވަރު ނިދިން ހޭލެވޭ ބައެއް ސަބަބުތަކެވެ.

1. ނިދާ ކޮޓަރީގެ ސަބަބުން

ނިދަން އޮންނަ ތަނުގެ ގޮތުންވެސް ނިދަން އުނދަގޫވެދާނެ އެވެ. ގިނަ މީހުންނަށް ހޭލެވޭނީ ނިދުމުގެ ފުރަތަމަ ސްޓޭޖްގައެވެ. އެގޮތުން ކޮޓަރި މާ ހޫނު ނުވަތަ ފިނިވުމާއި، މާބާރަށް ކޮޓަރީ ދޮރުލެއްޕުމާއި، ކޮޓަރިން ބޭރުން އަލި އެޅުމަކީ ނިދަން އުނދަގޫވެދާނެ ބައެއް ސަބަބުތަކެވެ. ފުރިހަމަ، އަރާމު ނިދި ހޯދުމަށްޓަކައި ކޮޓަރިއަކީ އަނދިރި އަދި ފަސޭހަވަރަކަށް ފިނި، އަޑުމަޑުތަނަކަށް ވާން ޖެހޭނެއެވެ.

2. އެންޒައިޓީގެ ސަބަބުން

އެންޒައިޓީގެ ސަބަބުން ދިމާވާ މައްސަލަތައް ކަމުގައިވާ ހިތުގެ ވިންދު އަވަސްވުމާއި ބިރުވެރި ހުވަފެންތައް ފެނިގެންވެސް ދަންވަރު ހޭލެވިދާނެ އެވެ. މީގެ އިތުރުން ބައެއް މީހުންނަށް ނިދީގައިވެސް ޕެނިކް އެޓޭކް ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

3. ތައިރޮއިޑް ގްލޭންޑް މާބޮޑަށް އެކްޓިވްވުން

ތައިރޮއިޑް ގްލޭންޑަކީ އެހެން ގިނަ ގުނަވަންތައް މަސައްކަތްކުރާ ގޮތް ކޮންޓްރޯލްކުރާ އެއްޗެކެވެ. މި ގްލޭންޑް މާބޮޑަށް އެކްޓިވްވުމަކީ މާގިނައިން ހޯމޯން ތައިރޮކްސިން އުފައްދައިދޭ ކަމެކެވެ. ތައިރޮކްސިންގެ އަސަރު ހަށިގަނޑުގެ އެހެނިހެން ނިޒާމްތަކަށްވެސް ފޯރާނެއެވެ. ނިދުމުގައި ދަތިތައް ދިމާވުމާއި، ހާޓް ރޭޓް އަވަސްވުމާއި، މާގިނައިްނ ދާހިއްލުމުގެ އިތުރުން އެންޒައިޓީ އަކީ މާބޮޑަށް އެކްޓިވް ތައިރޮއިޑް ގްލޭންޑެއް ހުރުމުގެ ބައެއް އަލާމާތްތަކެވެ. މި މައްސަލަ ކުރިމަތިވާނަމަ، ޑޮކްޓަރާއި ވާހަކަދައްކައިގެން ފަރުވާ ހޯދާށެވެ.

4. ރެސްޓްލެސް ލެގްސް ސިންޑްރޯމްގެ ސަބަބުން

ރެސްޓްލެސް ލެގްސް ސިންޑްރޯމް ޖެހިފައިވާ މީހުންގެ ފައިގައި އުނދަގޫވާކަހަލަ އިހުސާސްތަކެއް ކުރެވި، ފައި ނުހަލުވާ މަޑުން ބަހައްޓަން އުނދަގޫވާނެ އެވެ. މި އަލާމާތްތަކަކީ ހަވީރު ނުވަތަ ރޭގަނޑު ނިދާފައި އޮންނަ ވަގުތު ވަރަށް އާންމު ކަންތައްތަކެކެވެ. ބައެއް ފަހަރު ހަށިގަނޑުގައި މާބޮޑަށް އަޔަން މަދުވުމުގެ ސަބަބުންވެސް މި މައްސަލަ ދިމާވެދާނެ އެވެ. ހޫނުފެނުން ފެންވެރުންފަދަ ގޭގައި ދެވޭ ބައެއް ފަރުވާތަކަކީ މިމައްސަލަ ދިމާވާ މީހުންނަށް ރޭގަނޑުގެ ފުރިހަމަ ނިދި ހޯދުމަށްޓަކައި ކުރެވިދާނެ ކަަންތައްތަކެވެ.

5. ސްލީޕް އެޕްނިއާގެ ސަބަބުން

ސްލީޕް އެޕްނިއާ އަކީ ބޮޑެތި މީހުންނާއި އުމުރުން ދުވަސްވީ މީހުންގެ މެދުގައި ވަރަށް އާންމު ސިއްޙީ މައްސަލައެކެވެ. ސްލީޕް އެޕްނިއާގައި ވާގޮތަކީ ނިދާފައި އޮއްވާ ނޭވާލާ މިންވަރު މަޑުވުން ނުވަތަ މުޅިން އެއްކޮށް ހުއްޓިގެން ދިއުމެވެ. މި މައްސަލައަށް އޮތް އެންމެ އާންމު ފަރުވާ އަކީ ކޮންޓިނިއުއަސް ޕޮޒިޓިވް އެއާވޭ ޕްރެޝަރ (ސީޕީއޭޕީ) މެޝިން އެވެ.

މީގެތެރެއިން އެއްވެސް މައްސަލައެއް ކުރިމަތިވާނަމަ، ރޭގަނޑު އާންމުކޮށް ގެންގުޅޭ ރޫޓިންއަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނެސް، އޭގެ ސަބަބުން ނިދުމަށް ފަސޭހަވޭތޯ ބަލާށެވެ. އެގޮތުން ނިދަން އޮށޯތުމުގެ މަދުވެގެން ދެ ގަޑިއިރު ކެއުމާއި، ނިދަން އޮށޯތުމުގެ ކުރިން ޓީވީ އާއި މޮބައިލް ފޯން ބޭނުންނުކުރުމަކީ ވެސް ކުރެވިދާނެ ކަންތައްތަކެވެ. ނަމަވެސް މިފަދަ އެއްވެސް ކަމަކުން ހައްލެއް ނުލިބިއްޖެނަމަ، ވަގުތުން ޑޮކްޓަރެއްގެ ލަފާ ހޯދާށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.