ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިނުގެ އިތުބާރު ވިންގާ މާކޯ އަސެންސިއޯ އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

އުމުރުން 23 އަހަރުގެ އަސެންސިއޯގެ ވާތު ކަކުލު ހުޅަށް އަނިޔާވެފައިވަނީ، ރެއާލުން އެމެރިކާ އަށް ކުރާ ދަތުރުގައި އާސެނަލްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގެ 64 ވަނަ މިނެޓުގައެވެ. 

މި އަނިޔާގެ ސަބަބުން، ކުރިއަށް އޮތް ސީޒަނުގައި ބޮޑު ބައެއް އަސެންސިއޯ އަށް ގެއްލޭނެކަން ޔަގީންވެފައިވާއިރު، އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ސްޕެއިން ކޮލިފައިވެއްޖެނަމަ އެ މުބާރާތުން އޭނާ ފެނުމުގެ ފުރުޞަތު ވަރަށް ކުޑަކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

"އަސެންސިއޯގެ ވާތު ކަކުލުގެ އޭސިއެލް އަށް ސީރިއަސް އަނިޔާއެއްވެފައިވަނީ. ވަރަށް އަވަހަށް އޮޕަރޭޝަން ކުރާނެ." ރެއާލުން ނެރުނު ބަޔާނުގައިވެއެވެ.

މެޗަށްފަހު ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ، މިއީ ކަންބޮޑުވާންޖެހޭވަރުގެ އަނިޔާއެއް ކަމަށާއި، އެކަމާ ގުޅިގެން އަސެންސިއޯ ފުރަތަމަ ވެސް ގެންދިޔައީ ހޮސްޕިޓަލަށް ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި އޮޕަރޭޝަން ކުރާނެކަމަށެވެ.

އާސެނަލްގެ އަލެކްސެންޑަ ލަކަޒޭ އާއި ޕިއޭރް-އެމެރިކް އޯބަމަޔަން ކާމިޔާބުކުރި ގޯލްތަކާއެކު އެ ޓީމުން 2-0 ގެ ލީޑެއް ނަގާފައިވަނިކޮށް، ގަރެތު ބޭލް އާއި އަސެންސިއޯގެ ލަނޑުތަކުން ރެއާލުން އެއްވަރުކޮށް، ޕެނަލްޓީ ޝޫޓްއައުޓްގައި ކުރި ހޯދީ 3-2 އިންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމުންވެސް ނިންމާލީ 10 ކުޅުންތެރިންނާއެކުއެވެ.

ބެލެވޭގޮތުގައި، އަސެންސިއޯ އަށް މި މެޗުގައި ލިބުނު އަނިޔާގެ ސަބަބުން އަށެއް ނުވަތަ ނުވަ މަހާއި ދެމެދުގެ މުއްދަތަކަށް ކުޅުމާއި ދުރުގައި ހުންނަން ޖެހިދާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.