މުރަނގަ ފަތަކީ އޭގައި ހުންނަ ސިއްޙީ ފައިދާތަކުގެ ސަބަބުން އެކި ބޭނުންތަކަށް ބޭނުންކުރަމުން އަންނަތާ އެތައް ހާސް އަހަރުތަކެއް ވެފައިވާ އެއްޗެކެވެ. ދުޅަހެޔޮ އެންޓިއޮކްސިޑެންޓްތަކާއި ބައޯއެކްޓިވް ގަހުގެ ކޮމްޕައުންޑްތަކުން ފުރިގެންވާ މުރަނގަ ފަތުން ލިބިދޭ ބައެއް ފައިދާތައް ތިރީގައި މިވަނީ އެވެ.

1. ގިނަ ނިއުޓްރިއެންޓްސް ހިމެނޭ

މުރަނގަ ފަތް ގަހުގެ ގާތްގަނޑަކަށް ހުރިހާ ބަޔަކީވެސް އެކި ކަންކަމަށް ބޭނުންކުރާ ބައިތަކެކެވެ. އޭގެ ތެރެއިން މުރަނގަ ފަތަކީ ގިނަ ވިޓަމިންތަކާއި މިނަރަލްތައް އެކުލެވިގެންވާ އެއްޗެކެވެ. އެއް ޖޯޑު ތާޒާ، ކޮށާފައިވާ މުރަނގަ ފަތް (21 ގްރާމް)ގައި 2 ގްރާމް ޕްރޮޓީން އާއި، ދުވާލަކަށް ވިޓަމިން ބީ6 ބޭނުންވާ މިންވަރުގެ 19%، ވިޓަމިން ސީގެ 12%، އަޔަންގެ 11%، ރައިބޯފްލެވިން (ބީ2)ގެ 11% އަދި ވިޓަމިން އޭގެ 9% އާއި މެގްނީސިއަމްގެ 8% އެކުލެވިގެންވެއެވެ.

2. ގިނަ އެންޓިއޮކްސިޑެންޓްސް ހިމެނޭ

އެންޓިއޮކްސިޑެންޓްތަކަކީ ހަށިގަނޑު ފްރީ ރެޑިކަލްތަކުން ރައްކާތެރިކޮށްދޭ ކޮމްޕައުންޑްތަކެކެވެ. މާގިނައިން ހަށިގަނޑުގައި ފްރީ ރެޑިކަލް ހުރުމަކީ ހިތުގެ ބައްޔާއި ޓައިޕް 2 ޑައިބެޓީސްފަދަ ދާއިމީ ބަލިތަކަށް މަގުފަހިކޮށްދޭ ކަމެކެވެ.

މުރަނގަ ފަތުގައި ގިނަ އަދަދެއްގެ މުހިންމު އެންޓިއޮކްސިޑެންޓްސް ހިމެނިގެންވާއިރު، އޭގެ ތެރޭގައި ވިޓަމިން ސީ އާއި ބީޓާ-ކެރޮޓީންގެ އިތުރުން ކުއާސެޓިން އާއި ކްލޮރޮޖީނިކް އެސިޑްވެސް ހިމެނެއެވެ. ކުއާސެޓިން އަކީ ބްލަޑް ޕްރެޝަރު ތިރިކޮށްދޭ އެންޓިއޮކްސިޑެންޓަކަށް ވާއިރު، ކްލޮރޮޖީނިކް އެސިޑަކީ ކެއުމަށްފަހު ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ މާއްދާއެކެވެ.

މީގެ އިތުރުން ތިން މަސް ދުވަސް ވަންދެން ދުވާލަކު 1.5 ސައިސަމުސާ (7 ގްރާމް) މުރަނގަ ފަތް ކުނޑި ކެއުމަކީ ލޭގައި ހުންނަ އެންޓިއޮކްސިޑެންޓްތަކުގެ މިންވަރު އިތުރުކޮށްދޭ ކަމެއް ކަމަށް އަންހެނުންގެ މައްޗަށް ކުރި ދިރާސާއަކުންވެސް ވަނީ ދައްކައިފަ އެވެ.

3. ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކޮށްދޭ

ހަކުރުމަތިވުމަކީ ވަރަށް ސީރިއަސް ސިއްޙީ މައްސަލައެކެވެ. އެއީ ހަކުރުބައްޔަށް މަގުފަހިކޮށްދޭ ކަމެކެވެ. މުރަނގަ ފަތަކީ ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކޮށްދޭ އެއްޗެއް ކަމަށް ގިނަ ދިރާސާތަކަކުން ވަނީ ދައްކައިފަ އެވެ. އެހެންނަމަވެސް ގިނަ ހެކި ބިނާވެފައި ވަނީ ޖަނަވާރުންގެ މައްޗަށް ކުރި ދިރާސާތަކުންނެވެ. މިކަމާއި ގުޅޭގޮތުން އިންސާނުންގެ މައްޗަށް ހިންގާފައިވަނީ ވަރަށް މަދު ދިރާސާތަކެކެވެ.

ތިން މަސް ވަންދެން ދުވާލަކު 1.5 ސައިސަމުސާ (7 ގްރާމް) މުރަނގަ ފަތް ކުނޑި ކެއުމަކީ ބްލަޑް ޝުގާ އެވަރެޖުކޮށް 13.5% ދަށްކޮށްދޭ ކަމެއް ކަމަށް، އަންހެނުންގެ މައްޗަށް ކުރި ދިރާސާއަކުން ވަނީ ދައްކައިފަ އެވެ.

މީގެ އިތުރުން ހަކުރުބަލި ޖެހިފައިވާ ހަ މީހެއްގެ މައްޗަށް ކުރި ދިރާސާއަކުން ދެއްކި ގޮތުގައި ކެއުމުގައި 50 ގްރާމް މުރަނގަ ފަތް ބޭނުންކުރުމަކީ ހަކުރުމައްޗަށްދާ މިންވަރު 21% ދަށްކޮށްދޭ ކަމެއް ކަމަށެވެ.

ސައިންސްވެރިން ޤަބޫލުކުރާ ގޮތުގައި މިގޮތަށް ވަނީ މުރަނގަ ފަތުގައި ހުންނަ އައިސޮތިއޮސައިނޭޓްސްގެ ސަބަބުން ކަމަށެވެ.

4. އިންފްލެމޭޝަން ކުޑަކޮށްދޭ

އިންފްލެމޭޝަން އަކީ ހަށިގަނޑުގެ ތަނެއް އިންފެކްޓްވުމުން ނުވަތަ އަނިޔާއެއް ލިބުމުން އަންނަ ޤުދުރަތީ ބަދަލެވެ. އެގޮތުން އެތަނެއް ދުޅަވެ ނުވަތަ ރަތްވުމަކީ އެކަށީގެންވާ ކަމެކެވެ. މާގިނަ ދުވަހު އިންފްލެމޭޝަން ރަނގަޅު ނުވެ ހުރުމަކީ ނުރައްކާތެރި ކަމެކެވެ. އެގޮތުން މާގިނަދުވަހު އިންފްލެމޭޝަން ހުރުމާއި، ދާއިމީ ސިއްޙީ މައްސަލަތައް ކަމުގައިވާ ހިތުގެ ބައްޔާއި ކެންސަރާއި ގުޅުންވާ ކަމަށްވެސް ވަނީ ހޯދައިފަ އެވެ.

ސައިންސްވެރިން ޤަބޫލުކުރާ ގޮތުގައި އައިސޮތިއޮސައިނޭޓްސް އަކީ މުރަނގަ ފަތުގައި ހުންނަ މައިގަނޑު އެންޓި-އިންފްލެމޭޓަރީ މާއްދާތައް ކަމުގައެވެ.

5. ކޮލެސްޓްރޯލް ދަށްކޮށްދޭ

ކޮލެސްޓްރޯލް މަތިވުމަކީ ހިތުގެ ބަލި ޖެހޭ މައިގަނޑު އެއް ސަބަބެވެ. ގަސްތަކުން ލިބޭ ގިނަ ކާނާތަކަކީ ކޮލެސްޓްރޯލް ދަށްކޮށްދޭ އެއްޗެހި އެވެ. އޭގެ ތެރޭގައި ފްލެކްސް ސީޑްސް އާއި، އޯޓްސް އަދި އާމަންޑްގެ އިތުރުން މުރަނގަ ފަތްވެސް ހިމެނެއެވެ. އެގޮތުން މުރަނގަ ފަތުގެ ސަބަބުން ކޮލެސްޓްރޯލް ދަށްވާ ކަމަށް ގިނަ ދިރާސާތަކަކުން ވަނީ ދައްކައިފަ އެވެ.

6. ވިހަ އާސީނިކް އިން ރައްކާތެރިކޮށްދޭ

ކާއެއްޗެއްސާއި ފެނުގައި އާސީނިކް ހުރުމަކީ ދުނިޔޭގެ ގިނަ ހިސާބުތަކުގައި ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. ބައެއް ބާވަތްތަކުގެ ހަނޑުލުގައި އާސިނިކް ހިމެނޭ މިންވަރު ވަކިން ޚާއްސަކޮށް ބޮޑެވެ. މާގިނަ ދުވަހު އާސީނިކް އަށް ހާމަވުމަކީ ސިއްޙީ މައްސަލަތައް ކުރިމަތިކުރުވާ ކަމެކެވެ.

އެގޮތުން އާސީނިކް އަށް ހާމަވުމާއި ކެންސަރާއި ހިތުގެ ބައްޔާއިވެސް ގުޅުމެއްވާ ކަމަށް ދިރާސާތަކުން ވަނީ ދައްކައިފަ އެވެ.

ހަމަ އެހެންމެ މުރަނގަ ފަތުން އާސީނިކް ވިހައިން ރައްކާތެރިކޮށްދޭ ކަމަށްވެސް ގިނަ ދިރާސާތަކުން ވަނީ ހާމަވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.