ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުމާ މެދު ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ ބެލުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި އެވެ.
މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު(ޓޮމް)، މިނިސްޓަރު އިމްރާނާ ސުވާލު ކުރައްވަން ހުށަހަޅުއްވާފައިވަނީ މަރުގެ އަދަބު ތަންފީޒު ނުކުރާނެ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެފައިވާއިރު، އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ހުރިހާ އިޖްރާއާތެއް ފުރިހަމަވެގެން މަރަން ހުކުމް ކޮށްފައިވާ މީހެއްގެ އަދަބު ތަންފީޒު ކުރުމާ ބެހޭގޮތުން ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ ސާފު ކުރުމަށެވެ.
ޝަރުއީ ކޯޓުތަކުން މަރަން ހުކުމް ކޮށްފައިވާ މީހުންގެ ތެރެއިން އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމިފައިވާ ތިން މީހަކު އެބަ ތިއްބެވެ.
މީގެ ކުރިން ރާއްޖޭގައި ވަނީ މަރުގެ ހުކުމް ތަންފީޒު ކުރުމުގެ މަސައްކަތް ކޮށްފައެވެ. ނަމަވެސް އެއްވެސް މީހެއްގެ އަދަބު ތަންފީޒެއް ނުކުރެއެވެ.
ރާއްޖޭގައި މަރަން ހުކުމްކުރަނީ ގަސްދުގައި މީހުން މެރުމުގެ މައްސަލަތަކުގަ އެވެ. އެންމެ ފަހުން ރާއްޖޭގައި މަރުގެ އަދަބެއް ތަންފީޒު ކުރީ 1953 ވަނަ އަހަރު، އޭރުގެ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގައެވެ.