ރާއްޖޭގައި ލޮލުގެ ފަރުވާއަށް ދެވޭ ހިދުމަތްތައް ފުޅާ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ހެލްތާއި، ޗައިނާގެ ނެޝަނަލް ހެލްތު އެންޑް ފެމިލީ ޕްލޭނިން ކޮމިޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން މިނިސްޓަރު އަބްދުﷲ އަމީން ސޮއިކުރެއްވިއިރު، ޗައިނާގެ ނޭޝަނަލް ހެލްތު އެންޑް ފެމިލީ ޕްލޭނިން ކޮމިޝަނުގެ ފަރާތުން ސޮއި ކުރެއްވީ ޗައިނާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ޒަންގް ލިޒޯންގް އެވެ.
މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން ލޮލުގެ ފަރުވާގެ ހިދުމަތްތައް ފުޅާ ކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ހޮސްޕިޓަލުގަ އެވެ. އެ އެއްބަސްވުމުގެ ދަށުން އެންމެ އާދައިގެ އާދައިގެ ސާޖަރީތަކުން ފެށިގެން ހާއްސަ ސާޖަރީތައް ހެދޭ ފެންވަރަށް އެ ހޮސްޕިޓަލް ތަރައްގީ ކުރުމާއި ހޮސްޕިޓަލަށް ބޭނުންވާ ލޮލުގެ ފަރުވާއާ ގުޅޭ އާލާތްތައް ޗައިނާއިން ރާއްޖެއަށް ހަދިޔާކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ލޮލުގެ ޑޮކްޓަރުން ތަމްރީނު ކޮށްދިނުންވެސް ހިމެނެއެވެ.
ރާއްޖޭގައި ލޮލުގެ ހާއްސަ ފަރުވާދޭ މަރުކަޒެއް ގާއިމު ކުރުމަކީ ސިއްހީ ދާއިރާއިން އެއްބާރުލުން ދިނުމުގެ ގޮތުން ޗައިނާ ސަރުކާރާއެކު 2017ގައި ސޮއި ކުރެވިފައިވާ ފަހުމުނާމާގެ މައިގަނޑު އެއް ދާއިރާ އެވެ.