ޖުޑީޝަލް ސާރވިސް ކޮމިޝަންގެ މެމްބަރު ކަމަށް ހަ ވަކީލަކު ކުރިމަތިލައިފިއެވެ.
ޖޭއެސްސީގެ މެމްބަރު ކަމަށް ވަކީލުންގެ ތެރެއިން މީހަކު ހޮވުމަށް ފުރުސަތު ހުޅުވާލީ ކުރިން އެ މަގާމުގައި ހުރި، ލަތީފާ ގާސިމްގެ މެމްބަރުކަން ގެއްލުމާއި ގުޅިގެންނެވެ.
ޖޭއެސްސީގެ މެމްބަރުކަމަށް ވަކީލުންގެ ތެރެއިން މީހަކު ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ މިއަންނަ އަންގާރަ ދުވަހެވެ.
އެ މަގާމަށް ކުރިމަތިލެއްވީ އަލީ ރަޝީދާއި އަބްދުލްމާނިއު ހުސައިނާއި އަހުމަދު ރަޝީދު ހުސައިނާއި ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރާއި ހަނީފާ ޚާލިދުގެ އިތުރުން ޖޭއެސްސީގައި މިހާރު އާންމުންގެ މެމްބަރެއްގެ ގޮތުގައި އިންނަވާ އަބްދުލްހަންނާނު އަހުމަދެވެ.
ޖޭއެސްސީއަށް ވަކީލަކު ހޮވުމުގެ އިންތިޚާބު ބާއްވަނީ ވަކީލުން ރެގިއުލޭޓްކުރަން އަލަށް އުފެއްދި ބާ ކައުންސިލްގެ ބެލުމުގެ ދަށުން އިލެކްޝަންސް ކޮމިޝަނުންނެވެ.