ޖައްވީ އުޅަނދު ޗަންދްރަޔާން 2 ކާމިޔާބުކަމާއިއެކު އުދުއްސާލުމުން ދިވެހިރާއްޖެއިން އިންޑިއާއަށް މަރުޙަބާ ކިޔައިފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހަނދުގެ ދިރާސާތައް ހެދުމަށް އިންޑިއާއިން ކާމިޔާބުކަމާއިއެކު ޖައްވީ އުޅަނދު ޗަންދްރަޔާން 2 އުދުއްސާލުމާއި ގުޅިގެން އިންޑިއާ ސަރުކާރަށާއި އެޤައުމުގެ ރައްޔިތުންނަށް ދިވެހި ސަރުކާރުގެ ފަރާތުން މަރުހަބާ ކިޔުއްވާ ކަމަށެވެ.
އެ އުޅަނދު އުދުއްސާލުމުގެ ފަހަތުގައި ތިބި އިންޑިއަން ސްޕޭސް ރިސަރޗް އޯގަނައިޒޭޝަންގެ ސައިންސްވެރިންގެ މަސައްކަތް ވެގެންދާނީ މިފަދަ ދިރާސާތަކަށް ލިބުނު އިތުުރު ކުރިއެރުމަކަށް ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އިންޑިއާއިން ޖައްވީ ހޯދުންތަކުގައި ހޯދަމުންދާ ކާމިޔާބީތަކަކީ ޖައްވީ ދިރާސާތައް އިތުުރަށް ފުޅާކޮށް، ތަރައްޤީކުރުމަށް ލިބުނު އިތުރު ހިތްވަރަކަށް ކަމަށެވެ. އަދި ހަމައެއާއިއެކު ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއަށް ޒުވާނުންގެ ޝައުޤުވެރިކަން އިތުރު ކުރުވާނެ ކަމަކަށެވެ.
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވެސް ވަނީ އިންޑިއާއިން ޖައްވީ އުޅަނދެއް ކާމިޔާބު ކަމާއިއެކު އުދުއްސާލުމުން އެކަމަށް މަރުހަބާ ކިޔުއްވާ ޓުވީޓެއް ކުރައްވާފައެވެ.