އާންމުކޮށް ވިއްކަން ހުންނަ ގޮދަނުން ހަދާފައިވާ ސްޕެގެޓީ ޕާސްތާގެ ބަދަލުގައި ކާންވީ ޒޫޑުލްސް އެވެ. ސިއްޙަތަށް ފައިދާހުރި އަދި ރަހަވެސް އެހާ މީރު ޒޫޑްލްސް އަކީ ރޯ އަދި އޮޅާފައިވާ ޒުކިނީ އާއި ބަޓާނާ އިން ތައްޔާރުކުރާ ސްޕެގެޓީއެވެ. މިއީ ވަރަށް ފަސޭހައިން ގޭގައި ތައްޔާރުކޮށްލެވިދާނެ އެއްޗެކެވެ. ތިރީގައި މިވަނީ ޒޫޑްލްސް ކާންވީ ބައެއް ސަބަބުތަކެވެ.
1. ގްލޫޓެން-ފްރީ
ގްލޫޓެން ހިމެނޭ ކާތަކެތިން ބަނޑު ދުޅަކޮށްދީ، ހަޖަމުގެ މައްސަލަތަކާއި އެލާޖީތައް ކުރިމަތިކުރުވައެވެ. ގޮދަނުން ހަދާފައި ހުންނަ ގިނަ ޕާސްތާގައި ގްލޫޓެން ހިމެނޭއިރު، ޒޫޑްލްސް އަކީ ގްލޫޓެން-ފްރީ، ދުޅަހެޔޮ ކާނާއެކެވެ. ޒޫޑްލްސް އަކީ އެއްވެސް ގޮދަނެއް އަދި ފުށެއް ނުލައި ހަދާ އެއްޗެކެވެ. މީގެ އިތުރުން ސީލިއެކް ޑިޒީޒް ނުވަތަ ގްލޫޓެން ސެންސިޓިވީ ހުންނަ މީހުންނަށް ޒޫޑްލްސް އަކީ ވަރަށް ރަނގަޅު އެއްޗެކެވެ.
2. ކެލޮރީސް މަދު
އެއް ޖޯޑު ޒޫޑްލްސްގައި ހުންނަނީ އެންމެ 30-40 ކެލޮރީސް އެވެ. އަދި އާދައިގެ ޕާސްތާގައި 200-300 ކެލޮރީސް ހުރެއެވެ. އެހެންކަމުން ޒޫޑްލްސް އަކީ އާދައިގެ ޕާސްތާއަށްވުރެ ކެލޮރީސް މަދު، ފައިދާހުރި އެއްޗެކެވެ.
3. ލޮލުގެ ސިއްޙަތަށް ރަނގަޅު
ޒުކީނީގައި ހިމެނޭ ވިޓަމިން ސީ އާއި ބީޓާ-ކެރޮޓީން އަދި މެންގަނީސް އާއި ޒެއެކްޒެންތިން އަދި ލުޓީންފަދަ އެންޓިއޮކްސިޑެންޓްތަކާއި ފައިޓޯނިއުޓްރިއެންޓްތަކަކީ ފްރީ ރެޑިކަލްސް އާއި ހަނގުރާމަކޮށް، ލޮލުގެ ސިއްޙަތު އިތުރަށް ރަނގަޅުކޮށް ދަމަހައްޓައިދޭ މާއްދާތަކެކެވެ.
4. ގިނައިން ކެވޭނެ
ޒޫޑްލްސްގައި ހުންނަ ކެލޮރީސް މަދުކަމުން 2-3 ތަށި ޒޫޑްލްސް ކެއުމުންވެސް އެއްވެސް މައްސަލައެއް ނުޖެހޭނެ އެވެ. އެހެންނަމަވެސް އާދައިގެ ޕާސްތާގެ 2-3 ތަށި ކެއުމުން ހަށިގަނޑަށް ލިބޭ ކެލޮރީސް ފަސް ގުނައަށް އިތުރުވާނެ އެވެ.
5. މަދު ކާބޯހައިޑްރޭޓްސް
އެއް ޖޯޑު ޒޫޑްލްސްގައި ހުންނާނީ ގާތްގަނޑަކަށް އެންމެ ފަސް ގްރާމް ކާބޯހައިޑްރޭޓްސް އެވެ. އެހެންކަމުން ލޯ-ކާބް ޑައިޓަކަށް ޢަމަލުކުރަމުން އަންނަ މީހުން މީރު އެއްޗެއް ކާން ބޭނުންނަމަ، ޒޫޑްލްސް އަކީ ވަރަށް ރަނގަޅު އެއްޗެކެވެ.
6. ގިނަ ނިއުޓްރިއެންޓްސް
ޒޫޑްލްސްގެ ކޮންމެ ޖޯޑެއްގައި ގިނަ އަދަދަކަށް ވިޓަމިން އޭ އާއި ވިޓަމިން ސީގެ އިތުރުން ބީ ވިޓަމިންސް އަދި ޕޮޓޭސިއަމް އާއި ފައިބާ ހިމެނެއެވެ. ގޮދަން ފުށުން ހަދާ ޕާސްތާގައި ޒުކީނީއަށްވުރެ ގިނަ ޕްރޮޓީންސް ހުރިނަމަވެސް، ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ބޭނުންވާ މިންވަރަށް ނިއުޓްރިއެންޓްތައް ނުހުންނާނެ އެވެ.
7. ތައްޔާރުކޮށްލަން އަވަސް އަދި ފަސޭހަ
މާބޮޑު އެއްޗެއް ކައްކަން ބޭނުންނުވާނަމަ، ޒޫޑްލްސް އަކީ ތައްޔާރުކޮށްލަން އެންމެ ރަނގަޅު އެއްޗެވެ. ރޯ ޒުކީނީ ނުވަތަ އެހެނިހެން ތަރުކާރީތަކުން ވެސް ޒޫޑްލްސް ހަދާލެވިދާނެ އެވެ. އަދި ޒޫޑްލްސް ހެދުމަށް ބޭނުންވާނީ އެންމެ މެޝިނަކާއި ކުޑަ ވަގުތުކޮޅެކެވެ.
8. ޒޫޑްލްސް ތައްޔާރުކުރާނެ ގޮތް
އެންމެ ފަސް އެއްޗެއް ބޭނުންކޮށްގެން ވަރަށް މީރުކޮށް ޒޫޑްލްސް ތައްޔާރުކޮށްލެވިދާނެ އެވެ. އެންމެ ފުރަތަމަ ތޫނު ވަޅިއެއް ނުވަތަ ޕީލާއެއް ބޭނުންކޮށްގެން ޒުކީނީ ތުނިކޮށް ކޮށާލާށެވެ. އެއަށްފަހު ތަވާއެއްގައި ޒައިތޫނި ތެޔޮ ހޫނުކޮށްފައި، ލޮނުމެދު މީރުކުރާށެވެ. އަދި ލޮނާއި އަސޭމިރުހާއި ޕާމެސާން ޗީޒް އާއެކު ޒޫޑްލްސްވެސް ތަވާއަށް އަޅާފައި އެއްކޮށްލާށެވެ. ރަނގަޅަށް ކެއްކުނީމައި، ޕާސްލީ ބޭނުންކޮށްގެން ޒޫޑްލްސް ގާނިޝްކޮށްލުމަށްފަހު ސާވްކޮށްލާށެވެ.