ދިވެހި ރައްޔިތުންގެ ޕާޓީއަކީ އިދިކޮޅު ސިޔާސީ ޕާޓީއެއް ކަމަށާއި، 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެ ޕާޓީން ވާދަކުރާނޭކަމަށް އަލަށް އެ ޕާޓީގެ ލީޑަރަކަށް އައްޔަންކުރި ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޑީއާރުޕީގެ ލީޑަރުކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު "ޖަޒީރާ ނިއުސް" އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ވިދާޅުވީ، މިވަގުތު އެންމެ އިސްކަމެއް ދީގެން ކުރައްވާނެ މަސައްކަތަކީ ޕާޓީ ރީ-ސްޓްރަކްޗަރކޮށް އިދާރީ ގިތުން ހުރި ކަންކަން ހައްލު ކުރުމެވެ. އެގޮތުން ޕާޓީގެ އޮފީހެއް މިހާރު ހުޅުވިފައިވާނޭ ކަމަށާއި، ރަށް ރަށުގައިވެސް ޕާޓީގެ އޮފީސްތައް ޤާއިމު ކުރައްވާނެކަމަށެވެ.

ޖާބިރު ވިދާޅުވީ، ޑީއާރުޕީއަކީ 14 އަހަރުގެ ދޮށީ ޕާޓީއެއް ކަމަށާއި، އެ ޕާޓީ މަސައްކަތްކުރާނީ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީއަށް ވުމަށްކަމަށެވެ. އެގޮތުން މެންބަރުން އިތުރުކުރުމާއި، ރައްޔިތުންގެ މަޖިލީހުގައި ޕާޓީއަށް ފުރުސަތު ހޯދުމަށް މަސައްކަތް ފަށާފައިވާކަމަށްވެސް ވިދާޅުވިއެވެ. 

ޖާބިރު އިތުރަށް ވިދާޅުވީ، ޑީއާރުޕީއަކީ ސިޔާސީ އިދިކޮޅު ޕާޓިއެއް ކަމަށާއި، ނަމަވެސް އެ ޕާޓީން ރައީސް އިބްރާޙިމް މުޙައްމަދުގެ ސަރުކާރު ވައްޓާލަން ނުނިކުންނާނެ ކަމަށެވެ. އެ ޕާޓީގެ އަމާޒަކީ 2020ވަނަ އަހަރު އޮންނަ ކައުންސިލް އިންތިޚާބަށް ގިނަ ކެންޑިޑޭޓުން ނެރެ ކާމިޔާބު ހޯދުންކަމަށާއި، މިވަގުތުގެ އެންމެ ބުރަ މަސައްކަތަކާއި ފޯކަސްއެއް ބަހައްޓަނީ އެކަމަށް ކަަމަށް ޖާބިރު ވިދާޅުވިއެވެ.

އަދި ޑީއާރުޕީން 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

"ޑީއާރުޕީއަކީ އެިދިކޮޅު ސިޔާސީ ޕާޓީއެއް، ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން މި ޕާޓީގެ ފަރާތުން ދޭނެ" ޖާބިރު ވިދާޅުވިއެވެ.

"މި ޕާޓީގެ އަމާޒަކީ ކައުންސިލް އިންތިޚަބަށް ގިނަ ކެންޑިޑޭޓުން ނެރެ ކާމިޔާބު ހޯދުން، އަދި 2023ގައި އޮންނަ ރިޔާސީ އިންތިޚާބުގައި މި ޕާޓީ ވާދަކުރާނެ" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު އިތުރަށް ވިދާޅުވީ، ކައިރި މުސްތަގުބަލެއްގައި ރަށްރަށަށް ދަތުރު ފައްޓަވާނެކަމަށާއި، ޕާޓީ ދެން ހިނގާނީ ބާރު ސްޕީޑުގައިކަމަށެވެ.

ޑީއާރުޕީއަކީ ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދި ޕާޓީއެކެވެ. ނަމަވެސް ޕާޓީގެ ލީޑަރުކަން ތަސްމީނަށް އެރުއްވުމަށްފަހު ޕާޓީގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކުގެ ސަބަބުން ރައީސް މައުމޫން ޑީއާރުޕީ ދޫކުރައްވާ ޕީޕީއެމް އުފެއްދެވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.