ކުރިއަށް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޖަޕާނުގައި ކުޅެވުނު ރަކުޓެން ކަޕްގައި ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކުޅުނު ޗެލްސީ ވަނީ 2-1 އިން ބާސެލޯނާ ބަލިކޮށް އެ މުބާރާތް ކާމިޔާބުކޮށްފައެވެ.
ބާސެލޯނާ އިން މި މެޗަށް ނިކުތީ، ދެކުނު އެމެރިކާގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތުގައި ކުޅުނު އެ ޓީމުގެ ތަރީންކަމަށްވާ ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒްގެ އިތުރުން އާތުރް މެލޯ އާއި ފިލިއްޕޭ ކުޓީނިއޯ ނުލައެވެ. ނަމަވެސް، ދާދިފަހުން 120 މިލިއަން ޔޫރޯގެ ފީ އަކަށް އެތުލެޓިކޯ މެޑްރިޑުން އެ ޓީމަށް ބަދަލުވި އެންޓޮއިން ގްރީޒްމަން ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ.
އެކަމަކު ޗެލްސީން މި މެޗަށް ނެރެފައިވަނީ ނިސްބަތުން ވަރުގަދަ ޓީމެކެވެ. މީގެއިތުރުން، ޕްރީ-ސީޒަންގައި ތިން މެޗު މިހާތަނަށް ކުޅެފައިވާ ޗެލްސީގެ ކުޅުންތެރިންގެ ފަރާތުން ތަފާތު ކުޅުމެއް ފެނިގެންގޮސްފައިވެއެވެ.
ސައިޓާމާ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން ޗެލްސީން ވަނީ ގިނަ ފުރުޞަތުތައް ތަނަވަސްކޮށް ބާސެލޯނާގެ ޑިފެންސްލައިނަށް އުނދަގޫތައް ކުރިމަތިކޮށްފައެވެ. އެގޮތުން، ޗެލްސީން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ކުރިއަށް އޮތް ސީޒަނަށް އެ ޓީމުން ގެނައި ކްރިސްޓިއަން ޕުލިސިޗް އެވެ. ފުރަތަމަ ހާފުގައި ކުރީން ލީޑްނެގީވެސް ޗެލްސީ އެވެ. މިއީ ބާސެލޯނާގެ ސާޖިއޯ ބުސްކެޓްސް އަށް ހެދުނު ގޯހެއްގެ ފައިދާނަގައި، މެޗުގެ 34 ވަނަ މިނެޓުގައި ޖޯޖީނިއޯ ދިން ބޯޅައަކުން ޓެމީ އެބްރަހަމް ކާމިޔާބުކުރި ގޯލެކެވެ.
ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ވަނީ ދެވަނަ ހާފުގައި މުޅި ޓީމުގެ 11 ކުޅުންތެރިން ބަދަލުކޮށްލާފައެވެ. މި ހާފުގައި އެ ޓީމުން ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށްފައިވާއިރު، މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އަޔެކްސް އެމްސްޓެޑަމް އިން ބާސެލޯނާ އަށް ބަދަލުވި ފްރެންކީ ޑި ޔޮން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.
ޗެލްސީގެ ދެވަނަ ލަނޑު، މެޗު ނިމެން ނުވަ މިނެޓަށްވެފައިވަނިކޮށް ދެވަނަ ހާފުގައި ކުޅެން ނިކުތް ރޮސް ބާކްލޭ ޖަހައިދިންއިރު، މެޗުގެ އިތުރުވަގުތުގައި ބާސެލޯނާގެ ހަމައެކަނި ލަނޑުޖަހައިދިނީ އިތުބާރު މިޑްފީލްޑަރު އިވާން ރަކިޓިޗް އެވެ.
ޕްރީ-ސީޒަންގައި ޗެލްސީ އަށް ދެން އޮތީ އަމިއްލަ ގައުމުގައި ރެޑިންއާ ދެކޮޅަށް ކުޅޭ މެޗެވެ. ބާސެލޯނާ އަށް ކުރިއަށް އޮތީ އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު އަންދްރެއަސް އިނިއެސްޓާގެ ވިސެލް ކޯބީއާ ދެކޮޅަށް އަންނަ ހޮނިހިރު ދުވަހު ކުޅޭ މެޗެވެ.