ކަސްރަތު ކުރުމުގެ އިތުރުން ރަނގަޅު ކާބޯތަކެތި ބޭނުންކުރުމަކީވެސް ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށާއި، ބަރުދަން ލުއިކުރުމަށް ވަރަށް މުހިންމު ކަމެކެވެ. ވަރަށް ގިނަ ވައްތަރުގެ ކަސްރަތު ހުންނައިރު، ދުވުމަކީ އޭގެތެރެއިން އެންމެ ރަނގަޅު އެއް ކަމެވެ. އެގޮތުން ދުވުމަކީ ހިތުގެ ސިއްޙަތާއި، ޖުމްލަކޮށް ހަށިގަނޑުގެ ސިއްޙަތު އިތުރަށް ރަނގަޅުކޮށްދޭ ކަސްރަތެކެވެ. ތިރީގައި މިވަނީ ދުވުމަށްފަހު ކެއުން ރަނގަޅު ބައެއް ކާއެއްޗެހި އެވެ.
1. ބީޓްރޫޓް ސެލެޑް
ބީޓްރޫޓްގައި ލޭހޮޅިތަކުގެ ސިއްޙަތު ދެމެހެއްޓުމަށް މުހިންމު މޮލެކިއުލްތަކެއް ކަމުގައިވާ ނައިޓްރިކް އޮކްސައިޑް އުފައްދައިދޭ ނައިޓްރޭޓްސް ގިނަ އަދަކަށް އެކުލެވިގެންވެއެވެ. ނައިޓްރޭޓްސްތަކުން ފުރިގެންވާ ބީޓްރޫޓް ކެއުމަކީ ހަކަތަ ލިއްބައިދީ، ރަނގަޅަށް ދުވުމަށް އެހީތެރިވެދޭ ކަމެކެވެ. ދުވުމަށްފަހު ބީޓްރޫޓް ބޭނުންކޮށްގެން ސެލެޑެއް ހަދައިގެން ކާށެވެ.
2. ކަރާ
ކަރާއަކީ ކެލޮރީސް މަދުން ހުރުމުގެ އިތުރުން، ސިޓްރަލައިން އާއި ލައިކޮޕީން ގިނަ އަދަދަކަށް ހިމެނޭ މޭވާއެކެވެ. މި ކޮމްޕައުންޑްތަކަކީ ވަރުބަލިވެފައިވާ މަސްތަކަށް ފަރުވާދީ، މީހާ އެކްޓިވްކޮށްދޭ މާއްދާތަކެކެވެ. މީގެ އިތުރުން ގިނައިރު ދުވުމަށްފަހު މި މާއްދާތަކުގެ ސަބަބުން ޑީހައިޑްރޭޓްވުމުންވެސް ރައްކާތެރިވެ އެވެ. ބޭނުންނަމަ ކަރާ ހުހަށްވެސް ކެވިދާނެއެވެ. ނުވަތަ ޓޮމާޓޯ އާއި ފެޓާ ޗީޒް އާއެކު ސެލެޑެއްގެ ގޮތުގައިވެސް ކެވިދާނެ އެވެ.
3. ހުއްމުސް އާއި ތަރުކާރީ
ހުއްމުސް އަކީ ގިނަ އަދަދަކަށް ޕްރޮޓީންސް އެކުލެވިގެންވާ އެއްޗެކެވެ. ދުވަން ދިއުމުގެ ކުރިން ސެލެރީ އާއި ކެރޮޓްފަދަ ތަރުކާރީ ކޮށާލާށެވެ. އަދި ދުވުމަށްފަހު އައިސް ތަރުކާރީއާއި ހުއްމުސް ޖަހައިގެން ކާށެވެ.
4. ތަރުކާރީ ބިސްގަނޑު
ދުވުމަށްފަހު ފަސޭހައިން އަވަހަށް ތައްޔާރުކޮށްލެވޭނެ ކާނާއެއް ބޭނުންނަމަ، ތަރުކާރީ ބިސްގަނޑެއް ކާށެވެ. އޭގައި ވިޓަމިންސް އާއި، ސިއްޙަތަށް ފައިދާހުރި ފެޓްސް އާއި މިނަރަލްސް ހިމެނޭނެ އެވެ. ހެނދުނުގެ ނާސްތާއަކަށް ބިސް ކެއުމަކީ ބަރުދަން ލުއިކޮށްދޭ ކަމެއް ކަމަށް ބައެއް ދިރާސާތަކުން ވަނީ ދައްކައިފަ އެވެ. އެހެންކަމުން ހެނދުނު ދުވަންދާނަމަ، ތަރުކާރީ ބިސްގަނޑަކީ ކެއުން ވަރަށް ރަނގަޅު އެއްޗެކެވެ.