ފޯބްސް އިން ކޮންމެ އަހަރަކު ނެރޭ ދުނިޔޭގެ އެންމެ މުއްސަނދި ކްލަބުގެ ލިސްޓުގެ އެއްވަނަ މަގާމު މި ފަހަރުވެސް އެމެރިކަން ފުޓްބޯލް ކްލަބް ޑަލަސް ކައުބޯއީސް ހޯދައިފިއެވެ.
މިއީ ޑަލަސް ކައުބޯއީސް އިން އެ މަގާމު ވިދިވިދިގެން ހޯދީ ހަތަރުވަނަ ފަހަރެވެ. އޭގެ ކުރީން ދިޔަ ތިން އަހަރު އެއްވަނައިގައި އޮތް ރެއާލް މެޑްރިޑަށް މި ފަހަރު ލިބުނީ ތިންވަނަ އެވެ. އެއްވަނައިގައި އުޅޭ ޑަލަސްގެ އަގަކީ 5 ބިލިއަން ޑޮލަރެވެ.
މި ލިސްޓުގެ ދެވަނައިގައި އޮތީ މޭޖާ ލީގު ބޭސްބޯލް ޓީމު ނިއު ޔޯކް ޔަންކީސް އެވެ. އެ ޓީމުގެ އަގަކީ 4.6 ބިލިއަން ޑޮލަރެވެ. ތިންވަނައިގައި އޮތް ރެއާލްގެ އަގަކީ 4.24 ބިލިއަން ޑޮލަރެވެ.
މި ފަހަރުގެ ލިސްޓުގެ ގަދަ 10 ގައި ދެން ހިމެނޭ، ސްޕެއިނުގެ ޗެމްޕިއަން ބާސެލޯނާ ހަތަރުވަނައިގައި އޮތްއިރު، ހަވަނައިގައި އޮތީ 2011 އަދި 2012 ވަނަ އަހަރުގެ އެންމެ މުއްސަނދި ޓީމުގެ ގޮތުގައި އޮތް މެންޗެސްޓާ ޔުނައިޓެޑެވެ.
މީގެއިތުރުން، އެންމެ މުއްސަނދި 50 ކްލަބު ތެރޭގައި ހިމެނޭ ފުޓްބޯޅަ ކްލަބުތަކަކީ، ބަޔާން މިއުނިކް (17)، މެންޗެސްޓާ ސިޓީ (25)، ޗެލްސީ (32)، އާސެނަލް (42)، އަދި ލިވަޕޫލް (45) އެވެ. މި ލިސްޓުގައި އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް ނުހިމެނެއެވެ.
ފޯބްސް އިން ނެރުނު ދުނިޔޭގެ އެންމެ މުއްސަނދި 10 ޓީމު:
- ޑަލަސް ކައުބޯއީސް (އެންއެފްއެލް) 5 ބިލިއަން ޑޮލަރު
- ނިއު ޔޯކް ޔަންކީސް (އެމްއެލްބީ) 4.6 ބިލިއަން ޑޮލަރު
- ރެއާލް މެޑްރިޑް (ފުޓްބޯޅަ) 4.24 ބިލިއަން ޑޮލަރު
- ބާސެލޯނާ (ފުޓްބޯޅަ) 4.02 ބިލިއަން ޑޮލަރު
- ނިއު ޔޯކް ނިކްސް (އެންބީއޭ) 4 ބިލިއަން ޑޮލަރު
- މެންޗެސްޓާ ޔުނައިޓެޑް (ފުޓްބޯޅަ) 3.81 ބިލިއަން ޑޮލަރު
- ނިއު އިންގްލެންޑް ޕެޓްރިއޮޓްސް (އެންއެފްއެލް) 3.8 ބިލިއަން ޑޮލަރު
- ލޮސް އެންޖެލެސް ލޭކާސް (އެންބީއޭ) 3.7 ބިލިއަން ޑޮލަރު
- ގޯލްޑެން ސްޓޭޓް ވޯރިއާސް (އެންބީއޭ) 3.5 ބިލިއަން ޑޮލަރު
- ނިއު ޔޯކް ޖަޔަންޓްސް (އެންއެފްއެލް) 3.3 ބިލިއަން ޑޮލަރު
- ލޮސް އެންޖެލެސް ޑޮޖާސް (އެމްއެލްބީ) 3.3 ބިލިއަން ޑޮލަރު
މީގެއިތުރުން މި ލިސްޓްގެ ގަދަ 50 ގައި ހިމެނޭ ބައެއް ޓީމުތައް:
- ބަޔާން މިއުނިކް (ފުޓްބޯޅަ) 3.02 ބިލިއަން ޑޮލަރު
- މެންޗެސްޓާ ސިޓީ (ފުޓްބޯޅަ) 2.69 ބިލިއަން ޑޮލަރު
- ޗެލްސީ (ފުޓްބޯޅަ) 2.58 ބިލިއަން ޑޮލަރު
- އާސެނަލް (ފުޓްބޯޅަ) 2.27 ބިލިއަން ޑޮލަރު
- ލިވަޕޫލް (ފުޓްބޯޅަ) 2.18 ބިލިއަން ޑޮލަރު