ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ނައިބު ލީޑަރު އަހްމަދު އާމިރަށް 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ދިވެހި ރައްޔިތުންގެ ޕާޓީ، ޑީއާރްޕީގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމުގެ ބައެއް އުނިކޮށް އެ އަދަދު ހަތަރު މިލިއަނަށް ކުޑަކޮށް ހައި ކޯޓުން ހުކުމް ކޮށްފި އެވެ.
ސިވިލް ކޯޓުން ޑީއާރްޕީގެ މައްޗަށް 2015 ވަނަ އަހަރު އެ ހުކުމް ކޮށްފައި ވަނީ އާމީރު ހިންގާ ދެ ސްޓޫޑިއޯ ކަމުގައިވާ އެއިމް ކްރިއޭޝަނާއި އޭވީއެމް ޕްރޮޑަކްޝަންގެ ސާމާނާއި ތަކެއްޗާއި މީހުން ބޭނުންކޮށްގެން އެޕާޓީން ކޮށްފައިވާ މަސައްކަތްތަކަށް ދައްކަން ޖެހޭ ފައިސާ ދައްކާފައިނުވާތީ އެވެ..
ސިވިލް ކޯޓުން އޭރު ކުރި ހުކުމުގައި ބުނެފައިވަނީ، ދެ ސްޓޫޑިއޯއަށް ދައްކަން ޖެހޭ 4.05 މިލިއަން ރުފިޔާ އާއި އެ ފައިސާ ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 15.9 މިލިއަން ރުފިޔާ ދެެއްކުމަށެވެ. އެހެން ނަމަވެސް މިއަދު ހައި ކޯޓުން ކުރި ހުކުމްގައިވަނީ ސިވިލް ކޯޓުން ކުރި ޖޫރިނަނާގެ ބައި އުނިކޮށްފައެވެ.
އެގޮތުން ޖޫރިމަނާއަށްވާ ފައިސާގެ އަދަދު އުނުކުރުމަށް ނިންމީ، ލިބޭ ގެއްލުމާއި ނުބައްދަލު މިންވަރަކަށް ވާތީއެވެ.