ޚަބަރު
ޕްރިޒަން އޮފިސަރުންގެ 29 ވަނަ އަސާސީ ތަމްރީނު ކޯސް ފަށައިފި

ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ބޭނުންވާ ތަމްރީނާއި ތަރުބިއްޔަތު އުގަންނައިދީ ޕްރިޒަން އޮފިސަރުންގެ މަސައްކަތަށް ބޭނުންވާ އިލްމީ ގާބިލުކަމާއި ތަޖުރިބާ ލިބިދިނުމަށް އަމާޒުކޮށް އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ހިންގާ ޕްރިޒަން އޮފިސަރުންގެ އަސާސީ ތަމްރީނު ކޯހުގެ 29 ވަނަ ބެޗް މާފުށީ ޖަލުގައި މިއަދު ފަށައިފި އެވެ.

މި ތަމްރީން ކޯސް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުހައްމަދު އާސިފް އެވެ. މި ރަސްމިއްޔާތުގައި އައިކޯސްޓްގެ ޑައިރެކްޓަރ، ޑެޕިއުޓީ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަބްދުލް ގަނީ އާއި މާފުށީ ޖަލުގެ ޑައިރެކްޓަރ، ޑެޕިއުޓީ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަބްދުﷲ އަމީން އާއި ޖަލުގެ ސީނިއާ މެނޭޖްމަންޓް އޮފިސަރުންނާއި އީ.އެސް.ޖީގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރ، އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަހްމަދު އަބްދުލް ވައްހާބު މުހައްމަދާއި ކޮމިޝަންޑް އޮފިސަރުން އަދި ޓްރެއިނިންގ ކޯހުގެ މުދައްރިބުންނާއި ދަރިވަރުން ބައިވެރިވި އެވެ.

15 ހަފްތާގެ މުއްދަތައް ކުރިއަށް ގެންދާ މި ތަމްރީނު ކޯހުގައި 16 އަންހެން ޕްރިޒަން އޮފިސަރުންނާއި 26 ފިރެހެން ޕްރިޒަން އޮފިސަރުން ހިމެނޭހެން ޖުމްލަ 42 އޮފިސަރުން ބައިވެރިވެފައި ވެއެވެ.

އަށް މޮޑިއުލްގެ މައްޗަށް ފަރުމާކޮށްފައިވާ މި ޓްރެއިނިންގ ކޯހުގައި ފިޒިކަލް ޓްރެއިނިންގ އާއި ލީޑަރޝިޕް ކްލާސްތަކާއި އެތިކްސް އާއި ގާނޫނާއި ގަވާއިދުތަކުގެ އިތުރުން ޕްރިޒަން އޮފިސަރުންގެ މަސައްކަތްތަކާއި ގުޅުންހުރި މޮޑިއުލްތައް ކިޔަވައިދެވޭނެ އެވެ. މި ޓްރެއިނިންގ ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މުދައްރިބުންނާއި އެމްސީއެސްގެ ފަންނީ މުވައްޒަފުން ނެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top