ކެބެޖަކީ ހަންގަނޑަށާއި، ހަށިގަނޑުގެ ދިފާޢީ ނިޒާމަށް ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ، ނިއުޓްރިއެންޓްސް އިން ފުރިގެންވާ ބާރުގަދަ ތަރުކާރީއެކެވެ. ތިރީގައި މިވަނީ ކެބެޖުން ލިއްބައިދޭ ބައެއް ފައިދާތަކެވެ.
1. ބަރުދަން ލުއިކޮށްދޭ
އެއް ޖޯޑު ކެއްކި ކެބެޖުގައި ހުންނާނީ އެންމެ 33 ކެލޮރީސް އެވެ. އަދި ކެބެޖަކީ ފެޓް މަދު، ފައިބާއިން ފުރިގެންވާ ރަނގަޅު ކާބޯހައިޑްރޭޓެކެވެ.
2. ސިކުނޑިއަށް ރަނގަޅު
ނަފްސާނީ މަސައްކަތާއި ސަމާލުކަމަށް ބޭނުންވާ ވިޓަމިން ކޭ އާއި އެންތޮސަޔަނިންސް ކެބެޖުގައި ގިނަ އަދަދަކަށް އެކުލެވިގެންވެ އެވެ. މި މާއްދާތަކަކީ ނާރުތައް ރައްކާތެރިކޮށްދީ، އަލްޒައިމާސް އާއި ޑިމެންޝިއާފަދަ ބަލިތަކުން ދިފާޢުކޮށްދޭ މާއްދާތަކެކެވެ. މި ނިއުޓްރިއެންޓްތައް އެންމެ ގިނައިން އެކުލެވިގެންވަނީ ރަތް ކެބެޖުގައެވެ.
3. ހަންގަނޑާއި، ނިޔަފަތި އަދި އިސްތަށިގަނޑަށް ރަނގަޅު
ކެބެޖުގައި ގިނަ އަދަދަކަށް ސަލްފާ އެކުލެވިގެންވެއެވެ. ކެބެޖަކީ ތެޔޮކަން ގަދަ އަދި އެކްނޭ ހަންގަނޑު ހިއްކުވައިދޭ ތަރުކާރީއެކެވެ. އަދި ސަލްފާ އަކީ އިސްތަށިގަނޑާއި، ނިޔަފައްޗާއި ހަންގަނޑު ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށް ބޭނުންވާ ޕްރޮޓީންއެއް ކަމުގައިވާ ކެރަޓިން އުފެއްދުމަށް އެހީވެދޭ އެއްޗެކެވެ.
4. ހަށިގަނޑުން ވިހަތައް ނައްތާލަދޭ
ކެބެޖުގައި ގިނަ އަދަދަކަށް އެކުލެވިގެންވާ ވިޓަމިން ސީ އާއި ސަލްފާ އަކީ ފްރީ ރެޑިކަލްސް އާއި ޔޫރިކް އެސިޑްފަދަ ވިހަ މާއްދާތައް ހަށިގަނޑުން ނައްތާލަދޭ މާއްދާތަކެކެވެ. ފްރީ ރެޑިކަލް އާއި ޔޫރިކް އެސިޑަކީ އާންމުކޮށް އާތުރައިޓިސް އާއި ހަމުގެ ބަލިތައްފަދަ މައްސަލަތައް ކުރިމަތިކުރުވާ މާއްދާތަކެކެވެ.
5. ކެންސަރު ޖެހުމުން ރައްކާތެރިކޮށްދޭ މާއްދާތައް ހިމެނޭ
ލިއުޕިއޯލް، ސިނިގްރިން އަދި ސަލްފޮރަފޭން އަކީ އެންޒައިމްތައް އެކްޓިވޭޓްކޮށްދީ، ކެންސަރު ޓިއުމަރުތައް ބޮޑުވުން ހުއްޓުވައިދޭ ކޮމްޕައުންޑްތަކެކެވެ. އަންހެނުންގެ މައްޗަށް ކުރި ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ކެބެޖުފަދަ ތަރުކާރީ ކެއުމަކީ އުރަމަތީ ކެންސަރު ކުޑަކޮށްދޭ ކަމެކެވެ.
6. ލޭމައްޗަށް ދިއުން ކޮންޓްރޯލްކޮށްދޭ
ކެބެޖުގައި ގިނަ އަދަދަކަށް ޕޮޓޭސިއަމް ހިމެނެއެވެ. ޕޮޓޭސިއަމް އަކީ ލޭހޮޅިތައް ހުޅުވައިދީ، ފަސޭހައިން ލޭދައުރުވުމަށް މަގުފަހިކޮށްދޭ މާއްދާއެކެވެ.
7. ބޮލުގައި ރިއްސުމަށް ރަނގަޅު
ކެބެޖު ޗަސްކޮށްފައި ފޮތިކޮޅެއްގެ ތެރެއަށް އަޅާފައި ނިއްކުރީގައި އަޅާށެވެ. މީގެ އިތުރުން 25-50 އެމްއެލް ރޯ ކެބެޖު ޖޫސް ކޮންމެ ދުވަހަކު ބުއިމަކީ ދާއިމީކޮށް ބޮލުގައި ރިއްސާނަމަ ކުރުން ވަރަށް ރަނގަޅު ކަމެކެވެ.
8. އެންޓި-އިންފްލެމޭޓަރީ އަދި ހަކުރު ކޮންޓްރޯލްކޮށްދޭ
ރަތް ކެބެޖުގައި ހުންނަ ޤުދުރަތީ ރަތްކުލަ (ބީޓަލައިންސް) އަކީ ހަކުރު ދަށްކޮށްދީ، އިންސުލިން އުފެއްދުން އިތުރުކޮށްދޭ މާއްދާއެކެވެ. މީގެ އިތުރުން ބީޓަލައިންސްގައި ބާރުގަދަ އެންޓި-އިންފްލެމޭޓަރީ މާއްދާތައްވެސް އެކުލެވިގެންވެއެވެ.