ފަންސާސް ދެ ފަޅުވެރިންނާ އެކު މީގެ 51 އަހަރު ކުރީން ގެއްލުނު ފްރާންސްގެ މިލިޓަރީ ސަބްމެރިން ފެނިއްޖެ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ލަ މިނާވް ސަބްމެރިން ގެއްލުނީ 1968 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި ފްރާންސްގެ ޓޫލޮން ބަނދަރުގެ ކައިރިން މިލިޓަރީ ތަމްރީންތަކެއް ފުރިހަމަކުރުމުގެ ތެރޭގައި އުޅުނިކޮށެވެ. 

މިކަމާ ގުޅޭގޮތުން، ފްރާންސްގެ ޑިފެންސް މިނިސްޓަރު ފްލޯރެންސް ޕާލީ ކުރި ޓުވިޓެއްގައި ވަނީ ސަބްމެރިން ފެނުނު ކަމީ ލިބުނު ވަރަށް ބޮޑު ހިތްޖެހުމެއް ކަމަށާއި ޓެކްނިކަލީ ލިބުނު ކުރިއެރުމެއް ކަމަށެވެ. މީގެކުރީން، ސަބްމެރިން ހޯދުމުގެ މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބުވާގޮތެއްނުވިއެވެ.

ޕާލީ ވިދާޅުވީ، މި ފަހަރު ސަބްމެރިން ހޯދުމުގެ މަސައްކަތް ފެށީ އެ އުޅަނދުގައި ދަތުރުކުރި ފަޅުވެރިންގެ އާއިލާތަކުގެ މެންބަރުންގެ އެދުމުގެ މަތީންކަމަށެވެ.

ނަމަވެސް، ސަބްމެރިން ގެއްލުނުތާ 50 އަށް ވުރެ ގިނަ އަހަރު ފަހުން ހޯދާފައިވަނީ އެމެރިކާގެ ކުންފުންނެއް ކަމަށްވާ އޯޝަން އިންފިނިޓީގެ ސީބެޑް ކޮންސްޓްރަކްޓާ އުޅަނދަށް ކަމަށް ފްރާންސްގެ ސީނިއަރ ނޭވީ އޮފިސަރެއް ވަނި ކަށަވަރުކޮށްދީފައެވެ. އެގޮތުން، ސަބްމެރިން ފެނިފައިވަނީ ޓޫލޯން ބަނދަރާއި ގާތްގަނޑަކަށް 45 ކިލޯ މީޓަރު (30 މޭލު) ކައިރިން މެޑިޓެރޭނިއަން ކަނޑުގެ 2،370 މީޓަރު (7،800 ފޫޓް) އަޑިން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިހާތަނަށް އައިއިރުވެސް، މި ސަބްމެރިން ގެއްލުނު ސަބަބެއް ފްރާންސްގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައެއްނުވެއެވެ. ބައެއް މީޑިއާ ހަބަރުތައް ބުނާގޮތުން، ލަ މިނާވް ސަބްމެރިން ވަނީ މެދުން ތިން ބަޔަށް ބިންދައިގެން ގޮސްފައެވެ.

މީގެކުރީން، 2018 ވަނަ އަހަރުގައިވެސް ސީބެޑް ކޮންސްޓްރަކްޓާ ވަނީ އާޖެންޓީނާގެ ސަން ހުއާން ސަބްމެރިން ގެއްލުނުތާ އެއް އަހަރު ފަހުން އެޓްލާންޓިކް ކަނޑުގެ އަޑިން ހޯދާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.