ކުޑަކަމުދާ ނިޒާމްގައި ޖަރާސީމް އަށަގަތުން، ނުވަތަ ޔޫރިނަރީ ޓްރެކްޓް އިންފެކްޝަން (Urinary Tract Infection)، މާނައީ ޖަރާސީމް (Bacteria) އެއްގެ ސަބަބުން ކުޑަކަމުދާ ނިޒާމްގެ އެއްވެސް ހިސާބަކަށް އެ ޖަރާސީމްގެ ސަބަބުން އަސަރު ކުރުމެވެ. މައިގަނޑު ގޮތެއްގައި ކުޑަކަމުދާ ނިޒާމްގައި ޖަރާސީމް އަށަގަންނަނީ، ގުރުދާ (Kidney)، ގުރުތާ (Ureters)، މަސާނާ (Bladder)، ނުވަތަ ކުޑަކަމުދާ ހޮޅި (Urethra) ގައެވެ.

އާންމު ގޮތެއްގައި ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އަށަގަތުމުގެ މައްސަލަ ފިރިހެނުންނަށްވުރެ، އަންހެނުންގެ މެދުގައި އާންމުކަން ފާހަގަ ކުރެވެއެވެ. ޔޫރިނަރީ ޓްރެކްޓް އިންފެކްޝަން ޖެހުމަކީ ވަރަށް ފަސޭހަ ކަމަކެވެ. އަދިއޭގެ ސަބަބުން އެހާމެ އުނދަގޫ ތަކެއްވެސް ތަހައްމަލު ކުރަންޖެހޭ ކަމަކެވެ. ނަމަވެސް އަވަސް ފަރުވާއެއް ނުލިބިއްޖެނަމަ، ގުރުދާ (Kidney) އާއި ހަމަޔަށް ޖަރާސީމު ދައުރުވެ، ހަށިގަނޑުގެ ދިފާއީީ ބާރު ދެރަކޮއްލައެވެ. މި ބައްޔަށް ފަރުވާއެއްގެ ގޮތުގައި އަބަދު އެންޓިބަޔޮޓިކް ކެއުމަކީ ސިއްހީގޮތުން އެހާ އެދެވިގެންވާ ކަމެއްނޫނެވެ. އަދި ހައްލެއްވެސްނޫނެވެ. އޭގެ ބަދަލުގައި، އާންމު ދިރިއުޅުމުގައި ބޭނުންކުރާ ނުވަތަ ކާތަކެތީގެ ސަބަބުންވެސް މި ފަރުވާއަށް ހައްލު ލިބިގެންދެއެވެ.

                   

ކުޑަކަމުދާ ނިޒާމްގައި ޖަރާސީމް އަށަގަނެ އިންފެކްޝަނެއް ހުރިކަން ފަހަރުގައި ދެނެގަތުމަކީ ފަސޭހަކަމެއްކަމަށް ނުވެދާނެއެވެ. ނަމަވެސް އިންފެކްޝަނެއް ހުރެެއްޖެނަމަ މި ކަންތައްތަކަށް ވިސްނާލުން މުހިންމެވެ.

ޔޫރިނަރީ ޓްރެކްޓް އިންފެކްޝަން ޖެހުމުން ފެނިދާނެ އަލާމާތްތައް:

  • ކުޑަކަމުދާއިރު ތަދުވެ ދިލަނެގުން
  • ކުރިމަތިފަރާތު ދޮރު އާދަޔާ ޚިލާފަށް ރަތްކޮށްހުރުން
  • އިރުއިރުކޮޅުން ކުޑަކަމުދާންޖެހުން
  • ކުޑަކަމުދާއެއްޗެހީގައި ކިލަނބު ކުލައެއް ހުރުން
  • ކުޑަކަމުދާއެއްޗެހީގައި ލޭ ހުރުން
  • ދައްބަނޑަށް ތޫނު ތަދެއްވުން ނުވަތަ ރިހުން ނުދިއުން

ޔޫރިނަރީ ޓްރެކްޓް އިންފެކްޝަންގެ ބަލިތައް:

1. ގުރުދާ(Kidney)ގައި ޖަރާސީމު އަށަގަނެ ދުޅަވުން - (Acute Pyelonephritis):

ފެނިދާނެ އަލާމަތްތައް:

  • ބުރަކަށްޓާއި އުނަގަނޑުގައި ރިހުން
  • ގަދަޔަށް ހުންއައުން
  • ހީކެރުވުން
  • ތުރުތުރުއެޅުން
  • މޭނުބައިކުރުމާއި ހޮޑުލެވުން

2. މަސާނާ(Bladder)ގައި ޖަރާސީމު އަށަގަނެ، ދުޅަވުން - (Cystitis):

މަސާނާގައި އާންމު ގޮތެއްގައި ޖަރާސީމު އަށަގަންނަނީ ހަޖަމުކުރާ ނިޒާމުގައި އާންމުކޮށް ހުންނަ ބެކްޓީރިޔާ އެއް ކަމުގައިވާ "އީކޮލައި" ބެކްޓީރިޔާގެ ސަބަބުންނެވެ. ނަމަވެސް ބައެއް ފަހަރު އެހެން ބެކްޓީރިޔާތަކުގެ ސަބަބުންވެސް މަސާނާގައި ޖަރާސީމު އަށަގަނެ، ދޮސްލައި، ދުޅަވެދާނެ އެވެ. ޖިންސީ ގުޅުން ހިންގުމަކީ ވެސް މަސާނާގައި ޖަރާސީމު އަށަގަނެ، ދޮސްލައި، ދުޅަވެދާނެ ކަމެކެވެ. އަންހެނުންނަށް މަސާނާގައި ޖަރާސީމު އަށަގަތުމުގެ ފުރުޞަތު ބޮޑެވެ. މީގެ ސަބަބަކަށް ވަނީ، އަންހެނުންގެ ކުރިމަތިފަރާތު ދޮރާއި، ފުރަގަސް ފަރާތު ދޮރު ކައިރިކޮށް ހުރުމުގެ އިތުރުން އަންހެނުންގެ ކުޑަކަމުދާ ހޮޅި ކުރުވުމުން، ޖަރާސީމް ފަސޭހައިން އެތެރެއަށް ވާޞިލްވުމުގެ ފުރުޞަތު ބޮޑުވުމުންނެވެ.

ފެނިދާނެ އަލާމަތްތައް:

  • ދަށްބަނޑަށް ބާރުވުން، ނުވަތަ ރިހުން
  • އަވަސްއަވަހަށް ކުޑަކަމުދާންޖެހުން
  • ކުޑަކަމުދާއިރު ތަދުވުން
  • ކުޑަކަމުދާއެއްޗެހީގައި ލޭ ހުރުން
  •                     

3. ކުޑަކަމުދާ ހޮޅީ(Urethra)ގައި ޖަރާސީމު އަށަގަނެ ދުޅަވުން - (Urethritis):

ކުޑަކަމުދާ ހޮޅީގައި އާންމު ގޮތެއްގައި ޖަރާސީމު އަށަގަނެ، ދޮސްލައި، ދުޅަވަނީ ހަޖަމުކުރާ ނިޒާމުގައި ހުންނަ ބެކްޓީރިޔާތައް ފުރަގަސް ފަރާތުން، ކުޑަކަމުދާ ހޮޅިއަށް ވާޞިލްވުމުންނެވެ. މީގެ އިތުރުން އަންހެނުންގެ ކުރިމަތި ފަރާތު ދޮރާއި، ކުޑަކަމުދާ ހޮޅި ކައިރީގައި ހުރުމަކީ ޖިންސީގޮތުން އަރާ ބަލިތައް ކަމުގައިވާ ޖެނިޓަލް ހާރޕީޒް(Genital Herpes)، އަދި ކްލަމީޑިޔާ(Chlamydia) އިންފެކްޝަން ފަދަ ބަލިތަކުގެ ސަބަބުން ވެސް ކުޑަކަމުދާ ހޮޅީގައި ޖަރާސީމު އަށަގަނެ، ދޮސްލައި، ދުޅަވެދާނެ ކަމެކެވެ. 

ފެނިދާނެ އަލާމަތްތައް:

  • ކުޑަކަމުދާއިރު ތަދުވެ ދިލަނެގުން
  • ކުރިމަތިފަރާތުން ލޮނދި ފޭބުން/ހުރުން

މިިއީ ޔޫރިނަރީ ޓްރެކްޓް އިންފެކްޝަންގެ ބަލިތައް ނަމަވެސް، ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އެންމެ އާންމުކޮށް އަށަގަންނަ ހިސާބުތަކަކީ ކުޑަކަމުދާ ހޮޅި އާއި، މަސާނާ އެވެ. އަދި ހާއްސަކޮށް އަންހެނުންނަށް މި ބަލިތައް ޖެހުމަކީ އާންމު ކަމަކަށް ވުމާއިއެކު ވަރަށް ގިނަ އަންހެނުންނަށް އެއް ފަހަރަށްވުރެ ، ގިނަ ފަހަރު ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު ހަރުލައި، ދޮސްލައި، ދުޅަވުމަކީ ވެދާނެ ގޮތެކެވެ.

ކުޑަކަމުދާ ނިޒާމަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމަށްޓަކައި އެޅިދާނެ ފިޔަވަޅުތައް

1. ގިނައިން ފެންބުއިން:

ފެން ގިނައިން ބުއިމުން ކުޑަކަމުދާ ހޮޅި ސާފުވެ ޖަރާސީމު އަށަގަތުމުން ދުރުހެލި ކޮށްދެއެވެ. އެހެންކަމުން ދުވާލަކު މަދުވެގެން 8 ނުވަތަ 12 ތަށި ފެންބުއިން އާދަ ކުރަންވާނެއެވެ. އަދި ހޫނުގަދަ މޫސުމުގައި ގިނައިން ފެންބުއިމަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިންމެވެ.

               

2. ކްރޭން ބެރީ ޖޫސް ބުއިން:

ކްރޭން ބެރީ ޖޫހަކީ އޭގައި ވަރަށް ފެނާއި ވިޓަމިން ހިމެނޭ ޖޫހަކަށް ވުމުން ކުޑަކަމުދާ ހޮޅި ސާފުކޮއްދިނުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުން ވިޓަމިންސް ހިމެނޭ އެހެނިހެން ޖޫސްތައް ބޭނުންކުރުމަކީ ވެސް ކުޑަކަމުދާ ނިޒާމްގައި ޖަރާސީމް އަށަގަތުމުން ދުރުހެލި ކޮއްދޭ ކަމެކެވެ.

3. ޖިންސީ ގުނަވަން ސާފުތާހިރުކޮށް ބެހެއްޓުމަށް ސަމާލުކަންދިނުން:

ބޮޑުކަމު ދިއުމަށްފަހު ނުވަތަ ކުޑަކަމުދިއުމަށްފަހު ސައިބޯނި ބޭނުންކުރުމުގައި ވަސްގަދަ، ބާރުގަދަ ސައިބޯނި ބޭނުންކުރުން ރަނގަޅެއްނޫނެވެ. އަދި ކުރިމަތި ފަރާތުން ފުރަގަސް ފަރާތަށް ވާގޮތަށް ފެން އެޅުމަށް އިސްކަންދޭށެވެ. އޭގެ ސަބަބުން ބޮޑުކަމުދާ ތަކެތީގައި ހިމެނޭ ޖަރާސީމް، ކުރިމަތި ފަރާތަށް އައުން މަދުވާނެއެވެ. އަދި ދެމަފިރިކަމުގެ ގުޅުން ހިންގުމަށްފަހުވެސް އަވަހަށް ސާފުތާހިރުވުމަކީ މުހިއްމު ކަމެކެވެ.

4. އަންހެނުންނަށް ޚާއްޞަ އުފެއްދުންތައް(Feminine products) ބޭނުންނުކުރުން:

އަންހެނުންނަށް ޚާއްޞަ އުފެއްދުންތައް ކުރިމަތި ފަރާތުގައި ބޭނުންކުރުމުގެ ސަބަބުން ކުރިމަތި ފަރާތައް ޖަރާސީމު އަށަގަތުމަށް މަގުފަހުވެއެވެ.

        

5. ދޭތެރެ ދުރުކުރުމަށް ބޭނުންކުރާ ވަޞީލަތްތައް (Birth control products) ބަދަލުކުރުން:

ދޭތެރެ ދުރުކުރުމަށް ބޭނުންކުރާ ވަޞީލަތްތަކުގެ ތެރޭގައި ހިމެނޭ ޑަޔަފްރަމް ފަދަ ތަކެތި ގިނަ ދުވަހު ނުބަހައްޓައި ބަދަލުކުރުމަކީ މުހިއްމު ކަމެކެވެ.

6. ގަޔަށް އެހާ ބާރު ފޭރާން ނުލުން:

ގަޔަށް ބާރުކޮށް ހުންނަ ޖީންސް ފަދަ ތަކެތި އަބަދު ލުމަކީ ރަނގަޅުކަމެއް ނޫނެވެ. އޭގެ ސަބަބުން ހަށިގަނޑުގައި ވައި ބޭރުވުން މަދުވެ، ދާހިއްލާ ގޮތްވުމުން ހަންގަނޑު ތެމި ޖަރާސީމް އަށަގަންނަލެއް އަވަސްވެފައި ގިނަވާނެއެވެ. އޭގެ ބަދަލުގައި ގަޔަށް ދޫ ހަރުވާޅު ކަހަލަ ފޭރާންލުން ރަނގަޅުވާނެއެވެ. އަދި ނައިލޯން ޖަނގިޔަލުގެ ބަދަލުގައި ކޮޓަން ފޮތީގެ ޖަނގިޔާ ލުން ރަނގަޅުވާނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.