އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ފުޓްބޯޅަ އިވެންޓްގައި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެންމެފަހުގެ މުބާރާތުގެ ރަނަރަޕް މެޔޯޓް އަތުން 3-1 އިން ބަލިވެ ދިވެހިރާއްޖެ ކަޓައިފިއެވެ.

ރާއްޖެ ހިމެނޭ ގްރޫޕް ބީ ގައި އިއްޔެ ކުޅެވުނު ދެވަނަ މެޗުގައި، ރީޔޫނިއަން އައިލެންޑްސް އަތުން 1-0 އިން ކޮމޮރޯސް މޮޅުވުމުން، ތިން ޓީމަށް ހަ ޕޮއިންޓް ލިބި އެއްވަރުވުމުން، ފައިދާ ގޯލްގެ ތަފާތުން ސެމީ އަށް ދަތުރުކުރީ ރީޔޫނިއަންގެ އިތުރުން މެޔޯޓް އެވެ. މި ގްރޫޕުގެ އެންމެ ފުލުގައި އުޅޭ ރާއްޖެ އަށް ޕޮއިންޓެއް ނުލިބެއެވެ.

އައިއޯއައިޖީ އެންމެ ފަހުން ބޭއްވި 2015 ވަނަ އަހަރުގައި މެޔޯޓް، މަޑަގަސްކަރަ އަދި ސީޝެލްސްއާ އެއް ގްރޫޕެއްގައި ހިމެނި ރާއްޖެ ދިޔައީ ފުލަށެވެ. އެ ފަހަރު މޮޅުވީ ސީޝެލްސް އަތުން އެކަންޏެވެ.

މޮރިޝަސްގެ ފްލަކް ޑިސްޓްރިކްޓްގެ އޮގަސްޓޭ ވޮލައިރޭ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 15 ވަނަ މިނެޓުގައި މެޔޯޓް އަށް ލީޑް ނަގައިދިނީ ހަބީބް އެވެ. މިއީ ޕެނަލްޓީއޭރިޔާގެ ރޮނގުމަތިން ކަހަލަ ގޮތަކަށް ހަބީބް ފޮނުވާލި ބޯޅައަކުން ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ 22 ވަނަ މިނެޓުގައި ރާއްޖޭގެ މުހައްމަދު ނާއިމް ކާމިޔާބުކުރި ހިތްގައިމު ގޯލުން ނަތީޖާ އެއްވަރުވެފައިވަނިކޮށް، އޭގެ ހަތަރު މިނެޓުފަހުން މެޔޯޓް އަށް ދެވަނަ ފަހަރަށް ލީޑްނަގައިދިނީ ޔަހްޔާ އެވެ. މިއީ ރާއްޖޭގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި، ގޯލްކީޕަރު ހުސެން ޝަރީފް ކުރިއަށް ނިކުމެ ހުއްޓާ، ހާފުގެ މެދަށްވުރެ މެދު ރޮނގާއި ކައިރިން ގޯލާއި ވަރަށް ދުރުން ޔަހްޔާ ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ރީތި ގޯލެކެވެ. 

މެޗުގެ ފުރަތަމަ ހާފުގައިވެސް ރާއްޖޭގެ ހަމްޒާ މުހައްމަދަށް ވަނި ލަނޑުޖެހުމަށް ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައެވެ. ޕެނަލްޓީއޭރިޔާތެރޭގައި ހުރެ ހަމްޒާ ފޮނުވާލި ބޯޅަ މެޔޯޓްގެ ކީޕަރު ވަނީ މަތަކޮށްފައެވެ. ފުރަތަމަ ހާފު ނިމުނީ 2-1 އިން މެޔޯޓް ކުރީގައިއޮވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ކުޑަވަގުތުކޮޅެއް ތެރޭގައި، މެޗުގެ 56 ވަނަ މިނެޓުގައި މެޔޯޓްގެ ކަނާތް ފަޅިން ނެގި ހުރަހަކުން ލިބުނު ބޯޅަ ބޮލުން ފޮނުވާލައިގެން ހޫމަދީ ވަނީ އެ ޓީމަށް ސެމީގެ ޖާގަ ކަށަވަރުކޮށްދީފައެވެ.

މި މުބާރާތުގެ ގްރޫޕް އޭ އިން ސެމީގެ ޖާގަ ކަށަވަރުކުރީ މޮރީޝަސް އާއި ސީޝެލްސް އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.