ނައިބު ރައީސް ފައިސަލް ނަސީމް މާޅޮސްމަޑުލު ދެކުނުބުރި ކަމަދޫ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ، ނައިބު ރައީސް ކަމަދޫ ކައުންސިލަރުންނާއި، ބައްދަލުކުރެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.
އެ ބައްދަލުކުރެއްވުމުގައި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ އަދި ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ކައުންސިލުގެ ފަރާތުން ނައިބު ރައީސާއި ހިއްސާކުރެއްވިއެވެ.
އެގޮތުން ނަރުދަމާއާއި ބޯފެނުގެ ނިޒާމު ޤާއިމުވެފައި ނެތުމުން ހުރި ދަތިތަކާއި ޞިއްޙީދާއިރާގައި ހުރި ދަތި މައްސަލަތަކާއި ސްކޫލުގައި ރަނގަޅުކުރަންހުރި ކަންކަމުގެ މަޢުލޫމާތު ކައުންސިލުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ޤާއިމުކުރުމަށް ވަކި އަމާޒެއް ކަނޑައަޅުއްވައިގެން މަސައްކަތްކުރެވެމުންދާކަން ފާހަގަކުރެއްވިއެވެ.