ރަށްރަށުގައި އިމާރާތްކޮށްފައި ހުރި ބައެއް ހައުސިންގެ ޔުނިޓްތައް ބަލަހައްޓާނެ ފަރާތެއް ނެތި ވީރާނާ ވެފައިވާ ކަމަށް ހައުސިންގެ މިނިސްޓަރު އައިމިނަތު އާތިފާ ޝަކޫރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު އާތިފާ ހާޒިރުކުރެވުނީ  ތ. ވިލުފުށީގައި އަޅަން ފަށާފައި ނުނިމި ހުރި 64 ހައުސިންގެ ޔުނިޓެއްގެ މަސައްކަތް ކުރިއަށް ނުދާތީ އެކަމާ ގުޅިގެން ސުވާލު ކުރުމަށް ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ.

މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އާތިފާ ވިދާޅުވީ 1450 އަށް ވުރެ ގިނަ ހައުސިންގެ ޔުނިޓްގެ މަސައްކަތް މުޅިން ނުނިމި، ހުއްޓިފައިވާ ކަމަށާއި އަޅާލާނެ ފަރާތެއް ނެތުމުން ގިނަ ހައުސިންގ ޔުނިޓްތައް ވީރާނާވެފައިވާ ކަމަށެވެ.

"ބައެއް ތަންތަން އިމާރާތްކުރުމުގެ މަސައްކަތް ނިންމާފައިވީ ނަމަވެސް ދިރިއުޅެވޭނެ ހާލަތަށް ގެންނަން ބޭނުންވާ އަސާސީ ހިދުމަތްތައް ހުރީ ނުގުޅައި. އަދި ބައެއް ތަންތަނަކީ އެއްވެސް ފަރާތަކަށް ބެލެހެއްޓުމެއް ނެތި ދޫކޮށްލާފައިވާ ތަންތަން ކަމުގައި ވާތީ ވަރަށް ގިނަ ތަންތަން ހުރީ ވަރަށް ބޮޑަށް ވީރާނާ ވެފައި." މިނިސްޓަރު އާތިފާ ވިދާޅުވި އެވެ.

މިނިސްޓަރ އާތިފާ ވިދާޅުވީ، ވީރާނާވެފައިވާ ހައުސިންގ ޔުނިޓުތައް މީހުން ދިރިއުޅެވޭނެ ފަދަ ހާލަތަކަށް ގެންދިޔުމަށްޓަކައި 127 މިލިއަން ރުފިޔާގެ ބަޖެޓެއް ހައުސިންގ މިނިސްޓްރީގެ ބަޖެޓަށް އިތުރުކޮށްދީފައިވާކަމަށެވެ.

އަދި މިހާރު ބަޖެޓުގެ ތެރެއިން ނުނިމޭ ތަންތަން ނިންމުމަށް 2020 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށްވެސް އާތިފާ ވިދާޅުވި އެވެ.

މިނިސްޓަރ އާތިފާ ވިދާޅުވީ، ހައުސިންގ ޔުނިޓުތަކުގެ ފެންވަރު ބެލުމަށް ހާއްސަ އިސްކަމެއްދެެއްވާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.