މޭވާއާއި ތަރުކާރީ ދޮންނަންވީ ކީއްވެ؟

ކަމަކާނުލައި މާގިނައިން ބަލިވާނަމަ، ފަހަރެއްގައި އެހެންވަނީ ތަރުކާރު އާއި މޭވާ ރަނގަޅަށް ނުދޮވެ ބޭނުންކުރާތީ ކަމަށް ވެދާނެ އެވެ. މޭވާ އާއި ތަރުކާރީގައި ގިނަ އަދަދަކަށް ކެމިކަލްތައް އެކުލެވިގެންވުމުން ނުދޮވެ ބޭނުންކުރުމަކީ ނުރައްކާތެރި ކަމެކެވެ. އޭގައި ހުންނަ ބެކްޓީރިއާ އާއި ހިރަފުސް ސާފުކުރުމަށްޓަކައި މޭވާ އާއި ތަރުކާރީ ދޮވުމަކީ ވަރަށް މުހިންމު ކަމެކެވެ.

ފުރަތަމަ އަތް ދޮންނަން އާދަކުރޭ

ތަރުކާރީ އާއި މޭވާ ދޮވުމުގެ ކުރިން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އަމިއްލަ ދެއަތް ދޮވުމެވެ. އަތުގައި މިލަ ހުރިނަމަ، އެ ދޮންނަ އެއްޗެއްވެސް ހަޑިވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ރަނގަޅަށް ސައިބޯނި ބޭނުންކޮށްގެން އަތްދޮންނަން އާދަކުރާށެވެ.

ހަރު މޭވާ އާއި ތަރުކާރީ ދޮންނަންވީ ގޮތް

ފެން އިސްކުރު ދޫކުރުމަށްފަހު ތަރުކާރީގައި ހުންނަ ކިލާ އަދި މަޑު، އަތް ނުވަތަ މައިކްރޯފައިބާ ފޮތިކޮޅެއް ބޭނުންކޮށްގެން ސާފުކުރާށެވެ. އެހެންނަމަވެސް މިހެން ދޮންނަންވާނީ ބެލް ޕެޕަރ (ބޮޑު މިރުސް)ފަދަ މޭވާ އާއި ތަރުކާރީ އެކަންޏެވެ.

ފަތް ހުންނަ ތަރުކާރީ ދޮންނާނެ ގޮތް

ލޯގަނޑަކަށް ފެން އަޅާފައި ފެނުގެ ތެރެއަށް ތަރުކާރީ އަޅާށެވެ. ކުޑަ އިރުކޮޅަކު ބެހެއްޓުމަށްފަހު އޭގައި ހުރި ކިލާ އާއި ހަޑި އަތުން ސާފުކުރާށެވެ. އެއަށްފަހު އެ ފެން ވައްޓާލުމަށްފަހު، މިލަ ފިލަންދެން ތަރުކާރީ ނުވަތަ މޭވާ ދޮންނާށެވެ. މިގޮތަށް ދެ ފަހަރު ކަންތައް ކުރާށެވެ. އެއަށްފަހު ފުރޭންޏަކަށް އަޅާފައި ފެން ހިއްކާލާށެވެ.

މަޝްރޫމް ދޮންނާނެ ގޮތް

އެހެނިހެން ހަރު ތަރުކާރީ ދޮންނަ ގޮތަކަށް މަޝްރޫމް ނޮދޮވޭނެ އެވެ. ސީދާ ފެނުން ދޮވުމުގެ ބަދަލުގައި އެންމެ ރަނގަޅުވާނީ ތެތް ފޮތިކޮޅެއް ބޭނުންކޮށްގެން މަޝްރޫމްތައް ދޮވުނީމައެވެ. އެއީ ފެނަށް އެޅުމުން މަޝްރޫމް ސާފުކުރަން އުނދަގޫވެ، އޭގެ ފޭރާމާއި ޝޭޕް ބަދަލުވެދާނެތީ އެވެ. ސާފުކުރުމަށްފަހު ހިކި ފޮތިކޮޅަކުން މަޝްރޫމްތައް ހިއްކާލާށެވެ.

ކުނި ނުވަތަ ހަލާކުވެފައި ހުންނަ ތަންތަންކޮޅު ކަނޑާލާ

ބައެއް ތަރުކާރީތަކުގައި ކަޅު ކުލައިގެ ތަންތަންކޮޅު ހުންނަކަން ފާހަގަކުރެވޭނެ އެވެ. އެފަދަ އެއްޗެހި ކެއުމަށް ބޭނުންކުރަން އެއްވެސް މީހަކު ބޭނުމެއް ނުވާނެ އެވެ. އެހެންކަމުން ފެނުން ތަރުކާރީތައް ދޮވުމަށްފަހު، ހަލާކުވެފައިހުރި ތަންތަންކޮޅު ވަޅި ބޭނުންކޮށްގެން ބުރިކޮށްލާށެވެ.

ސްކްރަބް ކުރުން

ބައެއް މޭވާ އާއި ތަރުކާރީތަކުގެ ތޮށިގަނޑު ހަރުވުމުން އެ ސާފުކޮށް، ބެކްޓީރިއާ ނައްތާލަން ވަރަށް އުނދަގޫވާނެ އެވެ. އެފަދަ ތަރުކާރީތައް މަޑު ބުރުހެއް ބޭނުންކޮށްގެން ސްކްރަބްކޮށްލާށެވެ.

ބްލާންޗްކުރުން

ހުރިހާ ބާވަތްތަކުގެ ތަރުކާރީއަކީ ފެނުކައްކައިގެން ސާފުކުރެވޭނެ އެއްޗެއްސެއް ނޫނެވެ. އެހެންކަމުން ފެނު ކެއްކުމުގެ ބަދަލުގައި ބްލާންޗްކުރާށެވެ. އެންމެ ފުރަތަމަ ތެއްޔެއްގައި ފެން ކެއްކުމަށްފަހު އުނދުން ނިވާލާށެވެ. އަދި އެ ފެނުގައި 5-8 މިނެޓު ވަންދެން ތަރުކާރީ އަޅާފައި ބަހައްޓާށެވެ. އެހެން ލޯގަނޑެއްގައި އައިސް ކިއުބް އަޅާފައި، ބްލާންޗްކުރި ތަރުކާރީ އެއަށް ބަދަލުކުރާށެވެ. މިހެން ހެދުމުން ތަރުކާރީގެ ކުލަ ދަމަހައްޓައިދެއެވެ. މިއީ ތަރުކާރީތަކުން ޕެސްޓިސައިޑްސް ނައްތާލެވޭނެ އެންމެ ރަނގަޅު އެއް ގޮތެވެ.

ސައިބޯނި ބޭނުން ނުކުރާތި

މޭވާ އާއި ތަރުކާރީގެ ބޭރު ސައިބޯނިން ދޮވުމުން އެއްވެސް ގެއްލުމެއް ނުވާނެ ކަމަށް ހީކުރުމަކީ މުޅިން ގޯސް ޚިޔާލެކެވެ. ސައިބޯންޏަށް ވަރަށް ފަސޭހައިން ތޮށިގަނޑުގެ ތެރެއަށް ވަދެވޭނެ އެވެ. ނަމަވެސް ސައިބޯނީގެ ބަދަލުގައި ވިނެގާ ބޭނުންކުރެވިދާނެ އެވެ.

0
1
1
1
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.